ހިޔާ ޔޫނިއަނުން ގޮވާލީ ފްލެޓްތަކުގެ ކުލި ނުދެއްކުމަށް

ހިޔާ ފްލެޓްތަކުގެ އަގު މާ ބޮޑު ކަމަށް ބުނެ ކުރި މުޒާހަރާއެއްގެ ތެރެއިން ----

ސޯޝަލް ހައިސިންގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ނުދެއްކުމަށް އެތަންތަނުގެ ވެރިންނަށް ހިޔާ ޔޫނިއަނުން ގޮވާލައިފިއެވެ.

ހިޔާ ފްލެޓްގެ ކުލި މި ހިނގާ އޭޕްރިލް މަހުން ފަށައިގެން ނަގަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމާފައިވާއިރު އެތަންތަނުގެ މަހު ކުއްޔަކީ މެއިންޓަނެންސް ފީ ހިމަނައިގެން 8،500 ރުފިޔާއެވެ.

އެޗްޑީސީން ނެރެފައިވާ އިއުލާނުގައި ބުނާ ކުލި ނެގޭނެ އެއްވެސް ޖާގައެއް ނެތްކަން ހާމަކޮށް ހިޔާ ޔޫނިއަން އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ, މެއިންޓަނަންސް ފީ ހިމެނޭގޮތަށް ކުލި ނަގަން އެންގުމަކީ ޤާނޫނާއި ޚިލާފު އެންގުމެއް ކަމަށެވެ.

"މެއިންޓަނަންސް ފީ ނެގޭނީ އެގްރިމަންޓުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާފަދައިން ކޮންމެ ދެ ޓަވަރެއްގެ މެދުގައި އުފައްދާ ކޯޕަރޭޓިވް ސޮސައިޓީގެ ބޯޑު މެދުވެރިކޮށެވެ," ހިޔާ ޔޫނިއަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެކަމުގެ އިތުރުން ހިޔާ ޝަހަރުގައި ހުރި އެތައް މައްސަލަތަކަކާއި ވަކިވަކި ފަރުދުންގެ ޙާލަތާއި ރަމަޟާން މަސް ކުރިމަތިވި މި ދަނޑިވަޅަށް ރިޔާއަތްކޮށް ހިޔާ ފުލެޓުގެ ކުލި ނެގުން އަދިވެސް އަވަސްކަމުގައި އެ ޔޫނިއަނުން ވަނީ ބުނެފައެވެ.

އެހެންކަމުން ކުލި އަދި މެއިންޓަނަންސް ފީ ނެގުން މިހާރުން މިހާރަށް ހުއްޓާލުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ވަނީ ގޮވާލާފައެވެ.

"އަދި ކުލި ނުދައްކާ މަޑުޖައްސާލުމަށްވެސް ހިޔާގެ ވެރިންގެ އަރިހުން އެދެމެއެވެ," ހިޔާ ޔޫނިއަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކުލިދެއްކުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށްދާ ވާހަކައާއި ހިޔާ ފުލެޓުގެ ކުއްޔާއި ގުޅިގެން ބޮޑު ޝަކުވާއެއް ނުލިބޭކަމަށް އެޗްޑީސީން ބުނެފައިވާތީ އެކަން, ހިޔާ ޔޫނިއަނުން ވަނީ ކުށްވެރިކޮށްފައެވެ.

"ހިޔާ ޔޫނިއަނުން މިހާރުވެސް މިގެންދަނީ ހިޔާ ފުލެޓުގެ ކުލި ކުޑަކުރުމާއި އަދިވެސް ހުރި އެތައް އެތައް މައްސަލަތަކަށް ވަކާލާތުކޮށް ޙައްލު ހޯދަން މަސައްކަތް ކުރަމުން," ހިޔާ ޔޫނިއަންގެ ބަޔާނުގައި ވެއެވެ.

ކުލި ނުނަގާ ހަތް މަސް ވޭތު ވުމަށްފަހު، މި މަހުން ފަށައިގެން ހިޔާގެ ކުލި ނަގަން ފަށާނެއެވެ.

comment ކޮމެންޓް