ސައުތަމްޕްޓަން ބަލިކޮށް ޗެލްސީއަށް ހަމަޖެހުމެއް

މިރޭ ޗެލްސީ ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސައުތަމްޕްޓަން ބަލިކޮށް ޗެލްސީން ހަމަޖެހުމެއް ހޯދައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް އަތުން ބަލިވުމުން ޗެލްސީ އޮތީ ހާސްކަމެއްގައެވެ.

އެ ބައްޔަށް ފަހު މިއީ ޗެލްސީން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުން ރަށުން ބޭރުގައި ޗެލްސީ މޮޅުވެފައިވަނީ 6-0 ގެ ބޮޑު ތަފާތަކުންނެވެ.

ޗެލްސީގެ ފުރަތަމަ ލަނޑު މެޗުގެ އަށް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކޮސް އެލޮންސޯއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މޭސަން މައުންޓް ދިން ބޯޅައަކުންނެވެ.

އޭގެ އަށް މިނެޓު ފަހުން މެޗުގެ 16 ވަނަ މިނެޓުގައި ޗެލްސީގެ ދެ ވަނަ ލަނޑު ޖަހައިދިނީ މައުންޓެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި ޓިމޯ ވާނާ ލަނޑެއް ޖެހިއިރު، 31 ވަނަ މިނެޓުގައި ކައި ހަވާޓެޒް ވެސް ވަނީ ލަނޑެއް ޖަހާފައެވެ.

ފުރަތަމަ ހާފު ނިމުނީ 4-0 އިން ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ޗެލްސީން ވަނީ އެ ޓީމުގެ ފަސް ވަަނަ ލަނޑު ޖަހާފައެެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ވާނާއެވެ.

އޭގެ ފަހުން 51 ވަނަ މިނެޓުގައި ސައުތަމްޕްޓަން އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ޗެލްސީގެ ކީޕަރު އެޑްވާޑް މެންޑީ ވަނީ އެ ބޯޅަ ހުއްޓުވާފައެވެ.

މެޗުގެ 54 ވަނަ މިނެޓުގައި އެލޮންސޯ ހުރަސްކޮށްލި ބޯޅައެއް ވާނާ ފޮނުވާލުމުން ސައުތަމްޕްޓަންގެ ކީޕަރުގެ ގައިގައި ޖެހިފައި ނިކުން ބޯޅަ ގޯލަށް ފޮނުވާލައިގެން މައުންޓް ވަނީ ޗެލްސީގެ ހަ ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މީގެ އިތުރުން ވެސް ޗެލްސީން ވަނީ ލަނޑު ޖެހުމެއް އިތުރު ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް، ސައުތަމްޕްޓަން އަށް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދޭ ގޮތެއް ނުވިއެވެ.

ޗެލްސީ ލީގު ތާވަލްގެ ތިން ވަނއިގައި އޮތީ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ 62 ޕޮއިންޓު ހޯދައިގެންނެވެ.

comment ކޮމެންޓް