ދީނުން ފިލާވަޅެއް: އާލް ޢިމްރާން ސޫރާތުގެ 110ވަނަ އާތަށް ކަޅިއެއް

ކީރިތި ޤުރުއާނަކީ އަޅުގަނޑުމެނަށް ކިޔެވުމަށްޓަކައި ބާއްވާލެއްވިފައިވާ ފޮތެވެ. މި ފޮތް ކިޔެވުމާއެކުގަ މިފޮތުގައިވާ ޢިލްމީ މަޢުލުމާތުތަކާ މެދުގަ ވިސްނާ ތަދައްބަރުކުރުމަކީ އަޅުގަނޑުމެން ވިސްނަން ޖެހޭނެކަމެކެވެ.

އެގޮތުން އަޅުގަނޑު މިއަދު ތިބޭފުޅުންނަށް ކިޔާލަދޭނީ އާލް ޢިމްރާން ސޫރާތުގެ 110ވަނަ އާތަޔެވެ. މިއީ ވަރަށް މުހިންމު އާޔަތެކެވެ. ވަރަށް ގިނަ ފަހަރު ތަކުރާރުކޮށް ކިޔަވާ އާޔަތެކެވެ. އެހެންނަމަވެސް މި އާޔަތުގައި މިވާ ވާހަކައާމެދު، މީގެ މާނައާމެދު ވިސްނާ ފިކުރުކުރަން އެބަ ޖެހެއެވެ.

މި އާޔަތް ފެށުމުގައި މާތްﷲ ޞުބުޙާނަހޫވަތަޢާލާ މި ވަހީކުރައްވަނީ ތިޔަބައި މީހުނަކީ މީސްތަކުންކުރެ ﷲ ޞުބުޙާނަހޫވަތަޢާލާ ނެރުއްވި އުންމަތްތަކުގެ ތެރެއިން އެންމެ ރަނގަޅު އުންމަތެވެ. ﷲ ޞުބުޙާނަހޫވަތަޢާލާ އެކި ދުވަސްވަރު އެކި އުންމަތުގެ މީހުން މި ވަނީ ފޮނުއްވާފައެވެ. އެކި ރަސޫލު ބޭކަލުން އެ މީހުނަށް ހިދާޔަތު ދެއްކެވުމަށް ފޮނުއްވިއެވެ. އެހެންވީމާ މީސްތަކުންގެ އެކި ދުވަސްވަރު މި އަންނަނީ ތަފާތު އުންމަތްތަކުގެ މީހުނެވެ.

އެކި ދުވަސްވަރު ދިރިއުޅުނު މީހުނަކީ އެކި އުންމަތެވެ. އޭގެތެރެއިން އެންމެ ރަނގަޅު އުންމަތެއްގެ ގޮތުގައި ކީރިތި ޤުރުއާނުގައި އަންގަވާފައިވަނީ މި އުންމަތުގެ މީހުންގެ ވާހަކައެވެ. ހަމައެއާއެކު މި އުންމަތުގެ މީހުން ރަނގަޅު ބައެއްގެ ގޮތުގައި ﷲ ޞުބުޙާނަހޫވަތަޢާލާ ލެއްވި ސަބަބު ވެސް ބަޔާންކުރައްވާފައިވެއެވެ.

އެއީ ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރާމީހުންގެ ސަބަބުންނެވެ. ހަގީގަތުގައި މި އުންމަތުގެ މީހުން ރަނގަޅުވާ ސަބަބެއްގެ ގޮތުގައި އެ އާޔަތުގައި ބަޔާންކުރައްވާފައިވާ ސަބަބަކީ އެއީއެވެ.

އެހެންވީމާ އެބައި މީހުނަކީ ﷲ ޞުބުޙާނަހޫވަތަޢާލާއަށް އީމާންވާމީހުނެވެ. އެހެންވީމާ އަޅުގަނޑުމެން ރަނގަޅުވަނީ ކަމައެކަނި މި އުންމަތުގެ މީހުނަށް ވެގެންނެއް ނޫނެވެ. އަޅުގަނޑުމެން ރަނގަޅު ވަނީ އީމާންވެ ހެޔޮ އަމަލުކޮށް އަދި ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން ނަހީ ކުރާތީއެވެ. އެއީ އެންމެ ރަނގަޅު އުންމަތުގެ މީހުންގެ ކިބައިގައި، އެންމެ ރަނގަޅު މީހުންގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކެވެ. އެހެންވީމާ ހެޔޮކަންކަމަށް އަމުރު ކުރުމަކީ އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމެކެވެ. އަދި އެއީ ހަގީގަތުގައި މުޖުތަމަޢު ރަނގަޅު ވެގެންދާނެ ކަމެކެވެ.

މުޖުތަމަޢުގެ އިސްލާހީ މަސައްކަތަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމުގެ އެންމެ މުހިންމު ކަމަކީ އަބަދުވެސް ހެޔޮ ކަންކަމަށް އަމުރުކޮށް އަދި މުންކަރާތެއް ފެނިއްޖެ ނަމަ، ނުބައި ކަމެއް ފެނިއްޖެނަމަ މީސްތަކުން އެ ކަމަކުން ދުރުކޮށް އެކަމެއް ރަނގަޅުކުރަން މަސައްކަތްކުރުމެވެ. އެއީ ވަރަށް މުހިންމު ކަމެކެވެ. އެކަމުގެ ސަބަބުން މި ޖީލު ރަނގަޅު ޖީލަކަށް ވެގެން ދާނެއެވެ. މުޖުތަމައު ތަނގަޅު މުޖުތަމަޢުއަކަށް ވެގެން ދާނެއެވެ. ކީރިތި މާތް ނަބިއްޔާ މުހަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްކުރައްވާފައި ވެއެވެ. ތިޔަބައި މީހުނަށް މުންކަރާތެއް ފެނިއްޖެނަމަ ނުބައިކަމެއް ފެނުއްޖެނަމަ އެ ކަމެއް ހުއްޓުވާށެވެ. އެ ކަމެއް ހުއްޓުވާށާނީ އަތުންނެވެ. އަތުން ނުކުރެވޭ ނަމަ ދުލުންނެވެ. ދުލުން ނުކުރެވޭނަމަ ހިތުންނެވެ. އީމާން ކަމުގެ އެންމެ މަދު މިންވަރަކީ އެއީއެވެ.

އެހެންވީމަ އޭގެ މާނައަކީ އަޅުގަނޑުމެނަށް ނުބައިކަމެއް ހިނގާކަން ފެނިއްޖެ ނަމަ އެކަމެއް ހުއްޓުވުމަށް އަޅުގަނޑުމެނަށް ކުރެވެންހުރި ހުރިހާކަމެއް ރަނގަޅުގޮތުގައި ކުރާށެވެ. އެވަރުން އޭނައަށް އެ ކަންކަން އަމަލީ ގޮތުން ކުރުމުގެ ކުޅަދާނަކަން ނެތްނަމަ އޭނައަށް ބަހުން ވިސްނައިދޭށެވެ. އަދި އެ ވަރުން ނުވާނަމަ އަމިއްލަ ނަފުސު އެކަމަށް ނުރުހިގެން ހުއްޓުވަން މަސައްކަތް ކުރާށެވެ.

ޝައްކެއްވެސް ނެތް! އަޅުގަނޑުމެނަށް އެންމެ ރަނގަޅު މީހުނަށް ވެވޭނީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހެޔޮކަންކަމަށް އަމުރުކުރުން އާންމުކޮށްގެނެވެ. އަދި ނުބައި ކަންކަން ނަހީ ކޮން މީހުން ނުބައި ކަންކަމުން ދުރުކުރަން މަސައްކަތް ކޮށްގެނެވެ. އެއީ އަޅުގަނޑުމެންގެ މި އުންމަތަށް ލިބިގެންދާނެ އެންމެ ޚާއްސަ ސިފައެވެ. އެހެންވީމަ އެފަދައިން އަމަލުކުރާ މީހުނަށްޓަކައި ﷲ ޞުބުހާނަހޫވަތަޢާލާ ވަނީ އާޚިރުގަވެސް ރަނގަޅުގޮތް މިންވަރުކުރައްވާފައެވެ. އަދި ކުރީ އުންމަތްތަކުގެ މީހުން ނެތިގެން ދިޔައީ އެމީހުން އެކަންކަން ނުކުރުމުގެ ސަބަބުންކަން ވަނީ ބަޔާންކުރައްވާފައެވެ. އެހެންވީމަ މިއަދު އަޅުގަނޑުމެން ވިސްނަންވީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީ ކުރާށެވެ.

comment ކޮމެންޓް