މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ހިޔާ ޔޫނިއަންގެ އިސް މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުވުމުގައި ހިޔާ ޔޫނިއަންގެ ފަރާތުން ބައިވެރިވީ އެ ޔޫނިއަންގެ ރައީސް، ޢަބްދުﷲ އަމްޒަލް ރަޝީދާއި އެ ޔޫނިއަންގެ ފައިނޭންސް އޮފިސަރު ޢަބްދުއް ސައްތާރުއެވެ.
ސިޓީ ކައުންސިލުން ބުނީ އެ ބައްދަލުވުމުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ހިޔާ ޔޫނިއަނުން ހިއްސާ ކުރީ ރަމަޟާން މަހާ ދިމާކޮށް ހިޔާ ފްލެޓްތަކުން ކުލި ނަގަން ފެށުން ކަމަށެވެ.
މީގެ އިތުރުން ފިނިޝިން ނުނިންމައި ރައްޔިތުންނާ އެތަން ހަވާލު ކުރުމުން އެތަނުގައި ދިރިއުޅޭ މީހުންގެ އަތުން ބޮޑެތި ޚަރަދުތަކެއް ކުރިނަމަވެސް، އެކަމަށް ސަރުކާރުން އެއްވެސް ލުޔެއް ދީފައިނުވާ ކަމަށް ހިޔާ ޔޫނިއަންގެ މެންބަރުން ބުނި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި ސަރުކާރުން މަގުތައް ހަދާފައި ވަނީ ރައްޔިތުންނަށް އެތައް ގޮތަކަށް އުނދަގޫވާ ގޮތަށް ކަމަށް ހިޔާ ޔޫނިއަންގެ މެންބަރުން ބުނި ކަމަށް ވެސް ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ.
އެގޮތުން މަގު ހަދައި އެތަން ބޭނުން ކުރަން ފަށާފައި ވާއިރު މަގުބައްތި ޖަހާފައި ނެތް ކަމަށާއި ފައި މަގުގައި އުޅޭ ރައްޔިތުން ހިނގުމަށް މަގުގެ އެއް ފަރާތުގައި ޕޭވްމެންޓެއް ވެސް ނެތްކަން ހިޔާ ޔޫނިއަނުން ފާހަގަކުރިއެވެ. އަދި މަގުތަކުގައި އެއްވެސް ރޯޑް މާކިންއެއް ނެތުމުގެ ސަބަބުން މަގުތަކުގައި ޕާކު ކުރުމުގައި އެއްވެސް އުސޫލެއް ނެތްކަންވެސް އެމީހުން ވަނީ ފާހަގަކޮށްފައެވެ.
ހިޔާ ޔޫނިއަންގެ ފަރާތުން އިތުރަށް ފާހަގަކުރީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުނި ނެގުން ހުއްޓާލަން ނިންމާފައި ވާކަމާއި އެކަމުގެ ސަބަބުން މަގުތަކުގައި ކުނިތައް ގިނަވެ، ނަޖިސްވަމުންދާކަމުގެ ކަންބޮޑުވުމެވެ.
ހިޔާ ފްލެޓްތަކުގެ މައްސަލައިގައި މީގެ ކުރިންވެސް އެކި ފަހަރުމަތިން މުޢިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ހިޔާ ފްލެޓްތަކުގެ ކުލި ކުޑަ ކުރުމަށާއި، ފިނިޝިން ނިންމަން ކުރިން ސަރުކާރުން ދީފައިވާ މުއްދަތު އިތުރު ކޮށްދެއްވުމަށާއި، ހިޔާ ފްލެޓްގެ ކުލި ނަގަންފަށާ މުއްދަތު އިތުރު ކޮށްދިނުމަށް ވެސް މޭޔަރު ވަނީ ރަސްމީކޮށް ސަރުކާރުގައި ދަންނަވާފައެވެ.
ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މެއިންޓެނެންސް ފީ ހިމަނައިގެން މަހަކު 8،500 ރުފިޔާއެވެ.
މި ކުލި ބޮޑުވެގެން ފްލެޓް ލިބުނު ފަރާތްތަކުން ކަންބޮޑުވުން ފައުޅު ކުރަމުން އަންނައިރު، ސަރުކާރުން ބުނެފައިވަނީ ފްލެޓް އިމާރާތް ކުރުމަށް ނެގި ލޯނު އަނބުރާ ދައްކަން ޖެހޭތީ އެ ކުލި ކުޑަކުރެވެން ނެތް ކަމަށެވެ.