އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ވަށައިގެންވާ މި ދުނިޔޭގައި ހިނގަމުން މިދާ ކަންތައްތަކާ ފެންނަމުންދާ މަންޒަރުތަކުން އަޅުގަނޑުމެންނަށް ޢިބްރަތްތެރި ނަސޭހަތްތަކާ ފިލާވަޅުތަކެއް ލިބިގެންދާނެއެވެ. އާބާދުވެފައިވާ ރަށްތަކާ އުފާ ފާގަތިކަމުގައި އެކުގައި ދިރިެއުޅެމުންދާ ގައުމުތައް ބަރުބާދުވެ ހަލާކުވެގެން ދާ މަންޒަރު ފެންނާނެއެވެ.
ކޮންމެ ހުކުރު ދުވަހަކު އަޅުގަނޑުމެން ކިޔަވާ ކަހަފް ސޫރަތުގެ 57 ވަނަ އާޔަތުން 59 ވަނަ އާޔަތަށް ތަންކޮޅެއް ފުންކޮށް ތިބޭފުޅުން ނަޒަރު ހިންގަވާލައްވާށެވެ. އެ އާޔަތުގައި ބަޔާންވެގެންވާ ހަގީގަތަކީ ކޮބައިތޯއެވެ؟
ﷲ ވަޙީ ކުރައްވާފައި ވަނީ ﷲއަށް ޒިކުރުކުރުމާމެދު ހަނދާންކޮށްދެވުނު ހިނދު އެ ޒިކުރުކުރުމުން އެއްކިބާ ވެގެން ހިނގައްޖެކަމަށް ވަނީ ނަމަ އެކަންކަމާ މެދުގައި އޮތް އުގޫބާތުގެ ބޮޑުކަމެވެ. އަދި އެބައި މީހުންގެ އުޚުރަވީ ހަޔާތް ރައްކާކޮށްދޭ އެބައިމީހުންގެ ހެޔޮ ޢަމަލުތަކާމެދު ޣާފިލުވެގެން ދިޔަ ހިނދުގައި ކަންތައް ވެގެން ދިޔަގޮތެއްގެ ވާހަކަ މި ދެންނެވި އާޔަތްތަކުގައި ބަޔާންކުރައްވާފައިވެއެވެ.
އަމާންކަމާއެކުގައި ދިރިއުޅެމުންދިޔަ ރަށްތައް ﷲ ޞުބުހާނަހޫވަތަޢާލާގެ ކޯފާއަށް ހުށަހެޅިގެންގޮސް ހަލާކުވެގެން ދިޔަ ގޮތުގެ ވާހަކަ އެ އާޔަތްތަކުގައި ބަޔާންކުރައްވާފައިވެއެވެ.
މިދެންނެވި އާޔަތްތަކުގެ ތެރެއިން 59ވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައި ވަނީ އެ ރަށްތަކުގެ އަހުލުވެރިން އަނިޔާވެރިވެގެން ދިޔަ ހިނދު ﷲ ޞުބުހާނަހޫވަތަޢާލާ އެ ރަށްތައް ނެތި ފަނާކުރެއްވެވި ގޮތުގެ ވާހަކައެވެ. އެބައި މީހުންގެ އެ ރަށްތައް ހަލާކު ކުރެއްވުމަށް ﷲ ޞުބުހާނަހޫވަތަޢާލާ ވަގުތެއް ކަނޑައަޅުއްވާފައި ވެއެވެ.
މި ދެންނެވި އާޔަތުގެ އަލީގައި ކޮންކަހަލަ ޢިބްރަތްތަކެއް، ކޮންކަހަލަ ފިލާވަޅުތަކެއްތޯ އަޅުގަނޑުމެންނަށް ލިބިގެންދަނީ؟ އެނގިވަޑައިގަންނަވާނެ މިހާރު އަޅުގަނޑުމެންގެ މި ޒަމާނުގައި ހަނގުރާމަ ކުރެވެމުން މިދާ ގައުމުތައް އެއް ދުވަސްވަރެއްގައި އެއީ ތިޔާގިކަމާއި ފާގަތިކަމާ އެކުގައި ބަޔަކު މީހުން ދިރިއުޅެމުން ދިޔަ ގައުމުތަކެކެވެ. މިހާރު އެ ގައުމުތަކުގެ ހާލަތު ޓީވީގެ ޒަރިއްޔާއިން އަޅުގަނޑުމެންނަށް ފެންނަމުން އެބަދެއެވެ. އެ ގައުމުތައް އެފަދަ ހަލާކުގެ ތެރެއަށް ދިޔައީ ކޮން ސަބަބަކާ ހެދިގެންތޯ އެއީ އަޅުގަނޑުމެން އިބްރަތް ލިބިގަތުމަށް ބޭނުންވެފައި ތިބި މީހުންނަށް އިބްރަތް ލިބިގަންނަން ޖެހޭ ކަމެކެވެ.
އެރަށްތަކުގެ އަހުލުވެރިން އަނިޔާވެރިވެރިވެގެންދިޔަ ހިނދުގައި ﷲ ޞުބުހާނަހޫވަތަޢާލާ އެ ގައުމުތައް ނެތިކުރައްވައި، ޢަޒާބަށް ހުށަހެޅުއްވިއެވެ. އޭގެ މާނައަކީ އަޅުގަނޑުމެން އެއްވެސް ހާލަތެއްގައި އެފަދަ ކަމަކާ ކުރިމަތިލާން ނުޖެހޭނެކަމަށް ޣާފިލުވެގެން ނުވާނޭކަމެވެ.
އެހެންވީމައި އަޅުގަނޑުމެން ކޮންމެ މީހެއްގެ އަމިއްލަ ނަފުސުގެ ޠާހިރުކަމަށްޓަކައި މަަސައްކަތްކުރަން ޖެހެއެވެ. އަޅުގަނޑުމެން އަމިއްލަ ނަފުސުގައި ހުރި އުނި އައިބުތައް ނައްތާލުމަށްޓަކައި މަަސައްކަތް ކުރަން ޖެހެއެވެ.
ގައުމެއް، ގައުމެއްގެ ގޮތުގައި އަމާން ކަމާ ސުލްހަވެރިކަމާ އެކުގައި ދެމި އޮންނާނީ އެ ގައުމެއްގެ ކޮންމެ ފަރުދެއްގެ އަމިއްލަ އިސްލާހަށްޓަކާ މަަސައްކަތް ކުރެވިގެނެވެ. އެހެންނޫންނަމަ އިސްވެ ދިޔަ ގައުމުތަކަށް ﷲ ޞުބުހާނަހޫވަތަޢާލާ ޢަޒާބު ފޮނުއްވެވި ފަދައިން ޢަޒާބެއް ފޮނުއްވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
ކަހަފް ސޫރަތުގެ މި ދެންނެވި އާޔަތްޔަކާ މެދު ވަރަށް ފުންކޮށް ވިސްނުމަކީ އެއީ ހަމަ ޔަގީނުންވެސް އަޅުގަނޑުމެންގެ ނަފްސުތައް އިސްލާހު ކުރުމަށް ލިބިގެންދާނެ ވަރަށް ވަރުގަދަ ފިލާވަޅަކާ ފުރުސަތެއް ކަމުގައި ވެގެންދާނެއެވެ.