130 ކިލޯގެ ޑްރަގުގެ މައްސަލަ: އިސް ދެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރަނީ

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ޝަހީބް އިބްރާހީމާއި އަހުމަދު މޫސަ

ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިސް ދެ މީހުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރަން ދައުލަތުން ނިންމައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕޮރޮސެކިއުޓަރު އަޙްމަދު ޝަފީއު މިއަދު "ސަން"އަށް ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އިއްޔެ ދޫކޮށްލީ ޕީއެންސީގެ ކުރީގެ ކައުންސިލް މެންބަރެއްކަމަށްވާ ގއ. ވިލިނގިލީ ލައިޓްހައުސް، ޝަހީބް އިބްރާހީމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަޙްމަދު މޫސާއެވެ. ޝަހީބަކީ އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ފުލުހުން ތުހުމަތުކުރާ މީހާއެވެ.

އެ ދެމީހުން ވެސް ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރު ކުރީ ދެ މަސްދުވަހަށެވެ.

އެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދެފަރާތުގެ ވަކީލުންވެސް ވަނީ ސިއްހީ މައްސަލަތަކެއް ޝިހާބާއި އަޙްމަދު މޫސާގެ ހުރުމުން ސިއްހީ ފަރުވާ ހޯދޭނެ ގޮތެއް ހައްދަވާދެއްވުމަށް އެދިފައެވެ.

އެ މައްސަލައިގައި ގާޒީ ވިދާޅުވީ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް މީގެކުރިން ވެސް ދައުލަތަށް ގިނަ ފުރުސަތުތަކެއް ދީފައިވާނެކަމަށެވެ. އެހެންކަމުން ދައުލަތުން އެކަންކޮށްފައި ނުވާތީ ބޭސްފަރުވާއަށް އެ ދެމީހުން ދެ މަސްދުވަހަށް ބަންދުން ދޫކޮށްލަން ނިންމީ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެ މައްސަލާގައި ހައްޔަރުކުރި އެއްމެން ހައްޔަރުކޮށްފައި ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

comment ކޮމެންޓް