ކޮވިޑްގެ ތަދުމަޑުކަމުގައި ދިވެހީން ތިބީ މަހަކު ދެ ފަހަރު އައިފޯނު އާކޮށްލަ ކޮށްލާ: އީސާ

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ -- ފޮޓޯ/ މަޖިލިސް

ދުނިޔެއަށް އިގްތިސޯދީ ގޮތުން އައި އެންމެ ބޮޑު އެއް ތަދުމަޑުކަމުގައި ދިވެހީން ތިބީ "މަހަކު ދެ ފަހަރު އައިފޯނު ބަދަލު ކޮށްލަ ކޮށްލާ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު ޢީސާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުންފުނިތަކާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން އީސާ ވިދާޅުވީ ސަރުކާރު ހިންގަމުން އަންނަނީ ހިންގޭނެ އެންމެ ފުރިހަމައަށް ކަމަށާއި ގޯހެއް ނޫޅޭ ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ސަރުކާރުގެ ކުންފުނިތަކުގެ އަދަދު އިތުރުކަމަށް ވިދާޅުވާކަން ފާހަގަކުރައްވައި، އީސާ ވިދާޅުވީ މެންބަރުން ކަންބޮޑުވެގެން އުޅުއްވަނީ ކުންފުނިތަކުގެ އަދަދު އިތުރުވުމުން ނޫން ކަމަށެވެ.

"ސެންޓަރައިޓޭ އިގްތިސޯދޭ މަސްދަޅޭ ކިއުކަންބާއޭ އެ ކިޔުއްވަނީކީ އެއްވެސް ގޮތަކަށް އެ ކުންފުނިތައް އިތުރުވާތީ ކަންބޮޑުވާތީކީ ނޫން. ކަންބޮޑުވެލައްވާނަމަކާ ލާމަރުކަޒީ ގާނޫނުގައި 250 ކުންފުނި ހަދާކަށް އަޅުގަނޑުމެން ހަމަ ލޯމަރައިލައިގެން ފުރުސަތެއް ނުދެއްވާނެ،" ޢީސާ ވިދާޅުވިއެވެ.

ޢީސާ ވިދާޅުވީ އެމްޑީޕީން ވެރިކަން ކުރަނީ އަލަކަށް ނޫން ކަމަށާއި ވެރިކަމުގައި ކުންފުނި އުފައްދަނީ ވެސް އަލަށް ނޫން ކަމަށެވެ. އަދި ކުންފުނިތައް އުފައްދަން ޖެހެނީ ވެސް ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތް ދޭން ކަމަށް ވިދާޅުވިއެވެ.

މައްސަލައަކީ ކުންފުނި ގިނަ ވުން ނޫން ކަަމަށާއި ދިމާވެގެން އުޅެނީ މާލޭގެ އެއް އަވަށު މީހުން ކެއްކި ބަތްތެލި އަނެއް އަވަށު މީހުންނަށް ގޯސްވުން ފަދަ ކަމެއް ކަމަށެވެ.

"މިއީ ބަތްތެއްޔަށް ވީހެން ވެގެން އުޅޭ ކަމެއް، މި ސަރުކާރުން ކަމެއް ރަނގަޅަށް ކުރާތީ މޭ ކަރާތީ އުޅޭ ބަޔަކަށް ކުންފުނި ވެސް ގިނަ ވާނެ މިއަދު،" ޢީސާ ވިދާޅުވިއެވެ.

ސަރުކާރުން އިގްތިޞާދު ހިންގަމުން އަންނަ ގޮތަށް ވަރަށް ތައުރީފް ކުރައްވައި، ޢީސާ އިތުރަށް ވިދާޅުވީ އެކަން ކޮވިޑް-19ގެ ބަލިމަޑުކަމުގައި ވެސް ހާމަވެގެން ދިޔަ ކަމަށެވެ.

"ނުލާހިކު ރަނގަޅު ސަރުކާރެއް. 100 އަހަރުތެރޭގައި އައި އެންމެ ބޮޑު ތަދުގައި އަޅުގަނޑުމެން މިތިބީ ހަމަ ސީދާ މަހަކު ދެ ފަހަރު އައިފޯނު ބަދަލު ކޮށްލަ ކޮށްލާ. ހިޔާލެއް ފިކުރެއް ނެތި. މިހެން ތިބެން އަޅުގަނޑުމެން މި އިގްތިސޯދު ހިފަހައްޓައިދިނީ ސަރުކާރުން،" ސަރުކާރަށް ތައުރީފް ކުރައްވައި ޢީސާ ވިދާޅުވިއެވެ.

comment ކޮމެންޓް