ބާ އިމްތިހާނަށް، ބޮލަކަށް 20،000 ރުފިޔާ ޚަރަދުވާ ގޮތުގެ ތަފްސީލް ހޯދުމަށް ބާ ކައުންސިލަށް ހުށަހެޅުމަށް ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.
ޖުޑިޝަރީ ކޮމިޓީން މިގޮތަށް ނިންމާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް މިކަމުގައި ހުރި ކަންބޮޑުވުންތައް ސިޓީއެއްގެ ޒަރީއާއިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުމާއެކު މިއަދުގެ ބައްދަލުވުމުގައި ވާހަކަދެކެވި، މެންބަރުންގެ މަޝްވަރާތަކުގެ މަތިންނެވެ.
މެމްބަރު އުޝާމްގެ އެއްމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަަގަކުރައްވާފައިވަނީ ބާ އިމްތިހާނުގެ ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދެއް ކަމަށް ބާ ކައުންސިލުން ކަނޑައަޅާފައިވާ 20،000 ރުފިޔާ އަކީ މާ ބޮޑު އަދަދެއް ކަމުގައެވެ.
މިކަމާ ގުޅިގެން ވާހަކަ ދެއްކުމަށް ލިބުނު ފުރުޞަތުގައި ފޮނަދޫ ދައިރާގެ މެމްބަރު ސިރާޖުވަނީ ބާ ކައުންސިލް ހުޅުވުމާއެކު ޤާނުނީ ދާއިރާ އެހެންޏާ ރެގިއުލޭޓު ކުރެވޭ ވަރަށްވުރެއް މިހާރު ގޯސްކަން ފާހަގަކުރައްވާފައެވެ.
ވަކީލުންގެ ހައްޤުތައް ހޯދައިދިނުމުގެ ބަދަލުގައި ވަކީލުންގެ ހައްގުތައް އުނިވާނެގޮތައް ބާ ކައުންސިލުން އަމަލުތައް ބަހައްޓާކަމަށްވެސް މެމްބަރު ސިރާޖުވަނީ ފާހަގަކުރައްވާފައެވެ.
"އަބަދުވެސް ފެންނަނީ ކަންކަމަށް ހައްލު ހޯދުމުގެ ބަދަލުގަ ބޮޑަށް އުނދަގުވާނެ ގޮތްގޮތަށް، ވަކީލުންގެ ހައްގުތައް އުނިވާނެ ގޮތަށް ކަންތައްތައް ރާވާ މަންޒަރު،" މެމްބަރު ސިރާޖު ވިދާޅުވިއެވެ.
ބާ އިމްތިހާނަށް މުޅި ޖުމްލަ ކޮންމެ ދަރިވަރަކު ދައްކަން ޖެހޭ އަދަދަކީ 20،000 ރުފިޔާއެވެ. ނަމަވެސް ދަރިވަރުންގެ އަތުން ނެގުމަށް ބާ ކައުންސިލުން ނިންމާފައިވަނީ 10،000 ރުފިޔާއެވެ. ބާކީ 10،000 ދެއްކުމަށް ހަމަޖެހިފައިވަނީ ބާ ކައުންސިލުންނެވެ.
މެމްބަރު ސިރާޖުވަނީ ބާ އިމްތިހާނަށް 20،000 ޖުމްލަ ދައްކަން ޖެހޭ ސަބަބު ތަފްސީލުގޮތެއްގައި ހޯދުމަށް ކައުންސިލަށް ހުށަހެޅުމަށް ސިރާޖު ހުށަހެޅި ހުށަހެޅުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދުގެ ވާހަކައިގައިވެސް ބާ ކައުންސިލަކީ ދަރިވަރުންނަށް އުނދަގޫ ޖައްސަމުންދާ ތަނެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ބާ ކައުންސިލް އުވާލަން ފެންނަ ކަމަށްވެސް ނިހާދު ވަނީ ވިދާޅުވެފައެވެ.
"ބާ ކައުންސިލުން އަދާ ހަމައަށް އާ އިރުގަ، މި ދަރިވަރުންނަށް ފުރައްސާރަކޮށް ގޯނާ ކުރަމުން ދިޔަ މަންޒަރު އަޅުގަނޑުމެންނަށް ފެނުނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ބާ ކައުންސިލަކީ އުފެދުމަށް ފަހުގައި މާ ބޮޑަށް ދަތި އުނދަގޫ ކިޔަވާ ދަރިވަރުންނަށް ކުރަމުން އަންނަ ތަނެއް. އަޅުގަނޑަށް މިހާރު ގަބޫލުކުރެވެނީ ބާ ކައުންސިލްވެސް ދެން އުވާލަންވީއޭ،" މެމްބަރު ނިހާދު ވިދާޅުވިއެވެ.
comment އައްޔު
3 year 2 week ago
ބާކައުންސިލްގައި ތިބީ އިގިރޭސި ދަންނަމީހުންކަމަށްވެފައި އެމީހުންނަށް ދިވެހި ނޭނގޭތީ އިގިރޭސި ބަހުން ޓެސްޓް ތިދެނީ. ދިވެހި ޤައުމުގައި ދިވެހި ބަހުން ޤާނޫނު ކިޔަވަދީފައި ޓެސްޓް އިގިރޭސި ބަހުން މިއޮތީ ޤައުމެއް ނަސީބެއް ހިންދީ ބަހުން ޓެސްޓް ނުދިންކަން
comment ބީކައުންސިލް
3 year 2 week ago
ރާއްޖޭގަ އެވަރެޖް މުސާރަ އަކީ 8000-10000 ރުފިޔާ. ދެން 10000 ރފ ދައްކާފަ ބަނޑަށް ތިބެންވީދޯ. އިހަކަށްދުވަހު ޑިގްރީ ނިމުނު ލޯ ގްރެޖުއޭޓުުންނަކީ ބޮޑެތި ފާރމްތަކާއި ރީޓެއިނާރުންގެ ގޮތުގަ ރިސޯޓުތައް ހުންނަބައެއް ކަމަށް ބާ ކައުންސިލަށް ހީވެފަ އޮންނީ. އެންމެންގެ ބައްޕައަކީ މަހުޖަނުންނެއްވެސް ނޫން
comment ޖާދޫ
3 year 2 week ago
ހަގީގަތުގައިވެސް ބާ ކައުންސިލުގެ ބޭނުމެއް ނެތް. އުވާލަން ފެނޭ.
comment ދަރިވަރުން
3 year 2 week ago
ޢިނގިރޭސިން އިމްތިހާން ބާއްވާ ސަބަބު ވެސް ބައްލަވާ ދެއްވުން އެދެމެވެ.
comment މުހައްމަދު
3 year 2 week ago
ބާކައުންސިލަކީ ހަމަޖެހޭ ތަނެއްނޫން ރާއްޖޭގެ ކޯޓްތަކުގައި ވަކާލާތު ކުރުން ދިވެހި ބަހުން ބާ ކައުންސިލްގެ އިންތިހާނު އިނގިރޭސި ބަުން