އޭސީ މިލާނާއި ބޮލޮގްނާ އެއްވަރުވެ އިޓާލިއަން ލީގުގެ ވާދަވެރިކަން ބޮޑުވެއްޖެ

މިރޭ އޭސީ މިލާނާއި ބޮލޮގްނާ ބައްދަލު ކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ރޭ ބޮލޮގްނާއާ ދެކޮޅަށް އޭސީ މިލާން ކުޅުނު މެޗު އެއްވަރުވެ ލީގު ރޭހުގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

ރޭގެ މެޗުން މޮޅުވެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އޭސީ މިލާނަށް އޮތެވެ. ނަމަވެސް މެޗުން އެއްވަރުވުމުން އޭސީ މިލާނާއި ދެ ވަނައިގައި އޮތް ނަޕޯލީއާ ދެމެދު އޮތީ އެއް ޕޮއިންޓުގެ ފަރަގެކެވެ.

ރޭގެ މެޗު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި އޭސީ މިލާންގެ ރަފައެލް ލިއާއޯ ފޮނުވާލި ބޯޅަ ބޮލޮގްނާގެ ކީޕަރު ވަނީ މަތަކޮށްފައެވެ. މެޗުގެ 33 ވަނަ މިނެޓުގައި ތިއޯ ހެނާންޑޭޒް ފޮނުވާލި ބޯޅަ ވެސް ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

އޭގެ ފަހުން 45 ވަނަ މިނެޓުގައި އޮލިވާ ޖިރޫޑް ބޮލުން ފޮނުވާލި ހަމަލާ ބޮލޮގްނާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

ދެ ވަނަ ހާފު ފަށައިގެން ވެސް އޭސީ މިލާނުން ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މެޗު ނިމުނީ ދެ ޓީމު ވެސް 0-0 އިން އެއްވަރުވެގެންނެވެ.

ލީގުގެ ވާދަވެރިކަން ބޮޑުވެ އޭސީ މިލާނަށް ވަނީ އިތުރު ޕްރެޝަރުތަކެއް ކުރިމަތިވެފައެވެ. އެއް ވަަނައިގައި 67 ޕޮއިންޓާއެކު އޭސީ މިލާން އޮތް އިރު، ދެ ވަނައިގައި އޮތް ނަޕޯލީއަށް ލިބެނީ 66 ޕޮއިންޓެވެ. ތިން ވަނައިގައި 63 ޕޮއިންޓާއެކު އޮތީ އިންޓަ މިލާނެވެ. އަދި ޔުވެންޓަސް ހަތަރު ވަަނައިގައި އޮތީ 59 ޕޮއިންޓާއެކުއެވެ. އެހެންކަމުން ލީގު ރޭހުގައި އޭސީ މިލާން، ނަޕޯލީ އަދި އިންޓަ މިލާންގެ ވާދަވެރިކަން ބޮޑެވެ.

comment ކޮމެންޓް