މިއަހަރު ތެރޭގައި 14 ރިޒޯޓެއް ހުޅުވަނީ

ޓުއަރިޒަމް މިނިސްޓަރު މައުސޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުތެރޭ ރާއްޖޭގައި 14 ރިޒޯޓެއް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކުރުމަށް މިނިސްޓަރު މައުސޫމް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ހާޒިރުކޮށްފައެވެ.

މިނިސްޓަރާ ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ވަނީ ތ. އަތޮޅުގައި ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގައި އެއްވެސް ވަރަކަށް މަަސައްކަތް ނުކުރާތީ އެކަމާމެދު ސަރުކާރުން އަޅަަން ނިންމާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން ސުވާލުކުރައްވާފައެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ޓޫރިޒަމް ދާއިރާ ފުޅާކުރުމަކީ ސަރުކާރުން ގެނގުޅެމުންދާ ސިޔާސަތެއް ކަމަށެވެ. އެގޮތުން ތ. އަތޮޅުން ދޫކޮށްފައިވާ ރަށްތަކުގައި ވެސް ރިޒޯޓުތައް ހެދުމުގެ މަސައްކަތްކޮށް، އެ ރަށްތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއާއެކު މިނިސްޓަރު ވަނީ ތ. އަތޮޅުން ރިޒޯޓު ހަދަން ތިން ރަށެއް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ދަށުން ދޫކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އެއި ތ. ކަޅުދިޔަފުށި، ތ. އެކުރުފުށި ފިނޮޅު އަދި ތ. އޮޅުގިރިއެވެ.

މީގެ އިތުރުން، މި އަހަރު ރާއްޖޭގައި 14 ރިޒޯޓެއް ހުޅުވާނެ ކަމަށް އަންދާޒާ ކުރެވޭ ނަމަވެސް އޭގެ ތެރޭގައި ތ. އަތޮޅުގެ އެއްވެސް ރިޒޯޓެއް ނުހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަހަރަށް އަޅުގަނޑުމެން އެބަ އަންދާޒާ ކުރަން 14 ރިޒޯޓު ހުޅުވިގެންދާނެކަމަށް. އެކަމަކު އެ 14 ރިޒޯޓު ތެރޭގަވެސް ތ. އަތޮޅުގެ ރިޒޯޓެއް ނެތް،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

އެ 14 ރިޒޯޓާ ބެހޭ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.

comment ކޮމެންޓް