އިނގިރޭސި މާކެޓުގެ ހިއްސާ މައްޗަށް، ރަޝިޔާ މާކެޓު ދަނީ ދަށަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލެފި ބައެއް ފަތުރުވެރިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ދެ މާކެޓު ކަމަށްވާ އިނގިރޭސިވިލާތުގެ މާކެޓުގެ ހިއްސާ މަތިވެ، ރަޝިޔާ މާކެޓު އިތުރަށް ހީނަރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދުގެ 12.2 އިންސައްތައަކީ ރަޝިޔާއިން އައި ފަތުރުވެރިންނެވެ. އަދި، 11.6 އިންސައްތައިގެ ފަތުރުވެރިންނަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމުގެ ކުރިން އެ ގައުމުގެ މާކެޓުގެ ހިއްސާ އުޅެނީ 15.8 އިންސައްތައިގައެވެ.

ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހާއި މިދިޔަ މަހުގެ ނުވަ ވަނަ ދުވަހާ ދެމެދު ރާއްޖެއަށް ރަޝިޔާއިން 8513 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. މިދިޔަ މަހުގެ 16އާއި މިދިޔަ ބުދަ ދުވަހާ ދެމެދު އެ ގައުމުން އައީ 2717 ފަތުރުވެރިންނެވެ. މިއީ 68 އިންސައްތައިގެ ވެއްޓުމެކެވެ.

ރަޝިޔާ މާކެޓު ހީނަރުވަމުން ދާނަމަ ވެސް ޖުމްލަ ގޮތެއްގައި ފަތުރުވެރިކަން ފެންނަނީ ވަރުގަދަވަމުންއަންނަ ތަނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 427،677 ފަތުރުވެރިން ވަނީ އައިސްފައެވެ. އެއީ މިދިޔަ އަހަރުގެ މިހާތަނާ އަޅާބަލާއިރު 44 އިންސައްތައިގެ ކުރިއެރުމެކެވެ.

ދުވާލަކު އެވްރެޖްކޮށް 4,805 ފަތުރުވެރިން އަންނަ އިރު އެ މީހުން ރާއްޖޭގައި މަޑުކުރާ މުއްދަތަކީ 8.7 ދުވަހެވެ. މި ދެ ހިސާބުވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ ކުރިއަރާފައެވެ.

comment ކޮމެންޓް