ރަމަޟާން މަހުގެ ފުރަތަމަ ޖަލްސާއަށް މައުސޫމް ހާޒިރުކުރަނީ

ޓޫރިސަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަމަޟާން މަހުގެ ތެރޭގައި ބާއްވާ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް ޓޫރިސަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް މާދަމާ ހާޒިރުކުރުމަށް އެޖެންޑާ ކޮށްފިއެވެ.

މާދަމާގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކުރަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް ހުށަހަޅާފައިވާ ސުވާލުތަކަކާ ގުޅިގެންނެވެ.

ތ. އަތޮޅުގައި ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ގިނަ ރަށްތަކުގައި ރިސޯޓު ތަރައްޤީ ކުރެވިފައިނުވާތީ މެމްބަރު ވަނީ ސުވާލުކުރައްވާފައެވެ. އަދި ބައެއް ރަށްރަށުގައި އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީވެ، މި ކަންކަމާމެދު ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅު ތަކަކީ ކޮބައިތޯ މެމްބަރު ރިޔާޒް ވަނީ ސުވާލުކުރައްވާފައެވެ.

މީގެ އިތުރުން މާދަމާގެ ޖަލްސާގައި ދުވާފަރު ދާއިރާގެ މެމްބަރު ޢިސްމާއިލް އަޙްމަދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ރަމަޟާން މަހުގައި މަޖިލީހުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:30 ގައެވެ.

comment ކޮމެންޓް