އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރައި ބްރެންޓްފޯޑުން މޮޅުވެއްޖެއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުން ބްރެންޓްފޯޑު މޮޅުވީ ޗެލްސީން އެއް ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ.
ޗެލްސީން މެޗުގައި ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ދެ ވަނަ ހާފު ފަށައިގެން މެޗުގެ 48 ވަނަ މިނެޓުގައެވެ. އެން ގޯލޯ ކާންޓޭ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ރޫޑިގާއެވެ. އޭރިޔާ ބޭރު ހުރެ އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.
އޭގެ ދެ މިނެޓު ފަހުން ބްރެންޓްފޯޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ވިޓަލީ ޖަނެލްޓެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޗެލްސީގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއްގައި ފޮނުވާލި ބާރު ހަމަލާ ގޯލަށް ވައްދާލައިގެންނެވެ.
އޭގެ ހަތަރު މިނެޓު ފަހުން މެޗުގެ 50 ވަނަ މިނެޓުގައި ބްރެންޓްފޯޑަށް ލީޑު ނަގައިދިނީ ކްރިސްޓިއަން އެރިކްސަންއެވެ. އެއީ ޗެލްސީގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ހުސްކޮށް ހުރެ ގޯލަށް ފޮނުވާލައިގެންނެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ބްރެންޓްފޯޑަށް ލީޑު ފުޅާކޮށްދިނީ ޖަނެލްޓެވެ. އެއީ ޗެލްސީގެ އޭރިޔާ ތެރެއިން ކީޕަރު އެޑްވާޑް މެންޑީގެ އަތްމަތިން ބޯޅަ ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ މެޗުގައި އޭނާ ޖަހައިދިން ދެ ވަނަ ލަނޑެވެ.
ބްރެންޓްފޯޑުގެ ހަތަރު ވަނަ ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔޯނޭ ވިސާއެވެ. އެއީ ޗެލްސީގެ އޭރިޔާ ތެރެއިން އެ ޓީމުގެ ރޫޑިގާ އާއި ތިއާގޯ ސިލްވާ ބޭރުކޮށްލަން އުޅުނު ބޯޅައެއް އޭނާއަށް ލިބުމުން، އޭނާ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ބްރެންޓްފޯޑުން ވަނީ ލީގު ތާވަލްގެ 14 ވަނައަށް ޖެހިލައިފއެވެ. އެއީ 31 މެޗުން ލިބުނު 33 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ޗެލްސީ އޮތީ 29 މެޗުން ލިބުނު 59 ޕޮއިންޓާއެކު ލީގު ތާވަލްގެ ތިން ވަނައިގައެވެ.
ލީގުގައި މިރޭ ބްރައިޓަން އާއި ނޯވިޗް ސިޓީ ބައްދަލު ކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ލީޑްސް ޔުނައިޓެޑާއި ސައުތަމްޕްޓަން ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވީއިރު، ވޮލްފްސް އާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކުރީ ވޮލްފްސްއެވެ.