ބާޒާރު މަތިން: މުލަ ރޯދަ ދުވަހު އަގުތައް ހުރީ ހިފެހެއްޓިފައި

މާރުކޭޓު ގޮޅިތައް މޭވާއާއި ތަރުކާރީން ފުރި މާރުކޭޓުގައި މީހުން ތޮއްޖެހިފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރޯދަމަސް ފެށި، ފުރަތަމަ ދުވަހުގެ ރޯދަ ވީއްލުމަށް މީހުން ތައްޔާރުވަމުން އަންނަ އިރު، ބާޒާރު މަތީގެ ހަރަކާތްތައް ފެންނަނީ ހަލަބޮލިކޮށެވެ.

މިދިޔަ ހަފްތާގައި ބާޒާރުގެ އަގުތައް ހުރި މިންވަރާ އަޅާބަލާއިރު މިއަދުގެ އަގުތަކުން މާބޮޑު ތަފާތެއް ފާހަގައެއް ނުވެއެވެ. ނަމަވެސް ބައެއް ބާވަތްތަކުގެ އަގު، މީގެ ފަނަރަ ވަރަކަށް ދުވަސް ކުރީންސުރެ އުފުލެމުން އަންނަ ކަން ވަނީ ފާހަގަކުރެވިފައެވެ.

މިއަދު އއ. ތޮއްޑޫއާއި، މާލެއާ ކައިރި އެހެނިހެން ރަށްތަކުން ގެންނަ ބާވަތްތައް ވަނީ މާލެ ގެނެސް، ބާޒާރަށް ނެރެފައެވެ.

ރޯދަޔާ ދިމާކޮށް އެންމެ ޑިމާންޑު ބޮޑުވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ، ކަރާގެ ކިލޯއެއް ލިބެން ހުރީ 25 ރުފިޔާއަށެވެ.

މިފަހަރު ރޯދައިގެ ކުރިން އެންމެ ގިނަ ބަޔަކުގެ ކަންބޮޑުވުމަކަށް ވީ ލުނބޯގެ އަގު މައްޗަށް ޖެހިލުމެވެ. މީގެ ފަނަރަ ދުވަސް ކުރިން އޭގެ އަގު އާންމުކޮށް އުޅުނީ ކިލޯއެއް 70 ރުފިޔާއަށެވެ. އޭރުވެސް ބައެއް ތަންތަނުން ކިލޯއެއް 100 ރުފިޔާއިން މަތީގައި ލިބެން ހުއްޓެވެ. މިހާރު ބާޒާރުގައި ލުނބޯ ކިލޯއެއް ލިބެން ހުރީ 150 ރުފިޔާއަށެވެ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލުނބޯގެ އަގު ދަށަށްދާނެ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

މިދިޔަ ފަނަރަ ދުވަސް ތެރޭ އަގު މައްޗަށް ޖެހިލިއަނެއް ބާވަތަކީ މިރުހެވެ. ކަނޑޫދޫ މިރުސް ކިލޯއެއް އޭރު ހުރީ 200 ރުފިޔާއާއި، 300 ރުފިޔާއާއި ދެމެދުއެވެ. މިހާރު އޭގެ ކިލޯއެއް ލިބެނީ 650 ރުފިޔާއާއި، 700 ރުފިޔާ ދެމެދުގެ އަގެއްގައެވެ. ވިޔަފާރިވެރިން ބުނަނީ ހޫނު ގަދަވުމުގެ ސަބަބުން މިރުސް ލިބޭ މިންވަރު މަދުވެފައިވާ ކަމަށެވެ.

މަސް މާރުކޭޓުގައި ތާޒާ ކަޅުބިލަމަސް ކިލޯއެއް ލިބެން ހުރީ 55 ރުފިޔާއަށެވެ. ކަންނެލި ކިލޯއެއް ހުރީ 80 ރުފިޔާއަށެވެ.

ފަތްޕިލާވެލީގެ ބާވަތްތަކަށް ބަލާއިރު، ކޮޕީ ފަތާއި، ކުއްޅަފިލާފަތުގެ ބޮނޑިއެއް ލިބެން ހުރީ 10 ރުފިޔާއަށެވެ

ކާށީގެ އަގު ހަތަރު ރުފިޔާއާއި އަށް ރުފިޔާއާ ދެމެދުގައި ހުރިއިރު، ފިޔާ ކިލޯއެއް އުޅެނީ 20 ރުފިޔާއަށެވެ. އަލުވި ކިލޯއެއް 18 ރުފިޔާއަށް ލިބެން ހުރި އިރު، ބިހެއް ދެ ރުފިޔާއަށް ލިބެން އެބަހުއްޓެވެ. އެސްޓީއޯ އިން ވަނީ ފިޔާ، އަލުވި، ބިސް، ދަތި ކަމެއްނެތި ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭ އިތުރު ރަށްރަށުން ގެންނަ މުދާ ބާޒާރަަށް ނެރެން ފެށުމާއެކު، ބާޒާރު އިތުރަށް ތިޔާގިވެ އަގުތަކަށް ބަދަލުއައުން އެކަށީގެންވެއެވެ.

comment ކޮމެންޓް