އެމްޕީއެލުން އެ ކުންފުނީގެ މަސްލަހަތުވެރިންނާ ބައްދަލުކޮށްފި

ރޭ އެމްޕީއެލުން ވަނީ އެ ކުންފުނީގެ މަސްލަހަތުވެރިންނާ ބައްދަލުކޮށްފަ -- ފޮޓޯ/ އެމްޕީއެލް

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ކުންފުނީގެ މަސްލަހަތުވެރިންނާއެކު ޚިޔާލު ބަދަލުކޮށް، މަޝްވަރާކުރުމުގެ ފޯރަމެއް ރޭ ބާއްވައިފިއެވެ.

އެ ބައްދަލުވުން އޮތީ ރޭ ކްރޮސްރޯޑްސްގައި އޮތް އެމްޕީއެލްގެ ޑިޖިޓަލައިޒޭޝަން ކެމްޕޭން ލޯންޗްކުރުމުގެ އިވެންޓަށް ފަހުއެވެ.

މި ފޯރަމްގައި، މި ކުންފުނީގެ މަސްލަހަތުވެރިންގެ ތެރޭގައި ހިމެނޭ ކްލިއަރިން އޭޖެންޓުންނާއި، އިމްޕޯޓަރުން އަދި ޝިޕިން އެޖެންޓުން ބައިވެރިވިއެވެ.

އެމްޕީއެލްގެ ފަރާތުން މަސްހަލަތުވެރިންނަށް މައުލޫމާތު ދެއްވުމަށް، ސީއީއޯ ޝާހިދު ޢަލީގެ އިތުރުން ކުންފުނީގެ އިސްވެރިން ވަނީ އެ ފޯރަމުގައި ބައިވެރިވެވަޑައިގެންފައެވެ.

އެ ފޯރަމްގެ ބައިވެރިން ވަނީ އެ ފަރާތްތަކަށް މިހާރު ދިމާވެފައިވާ ދަތިތަކާއި، އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ހިއްސާކޮށްފައެވެ.

އެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވޭނީ، މަސްލަހަތުވެރިންގެ ބައިވެރިވުމާއެކު ކަމަށެވެ. އަދި އެ މީހުންގެ ޚިޔާލުތައް އެމްޕީއެލްއިން އަބަދު ވެސް ބަލައިގަންނާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

މި އަހަރުގެ ތެރޭގައި، އެމްޕީއެލްގެ މަސްހަލަތުވެރިންނާއެކު، އިތުރު ބައްދަލުވުންތަކެއް ވެސް ބާއްވަން އެ ކުންފުނިން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް