ޕްރިމިއާ ލީގުގެ ހޯލް އޮފް ފޭމަށް ރޫނީ އާއި ވިއެރާ

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ވޭން ރޫނީއާއި އާސެނަލްގެ ކުރީގެ ތަރި ޕެޓްރިކް ވިއެރާ

އިނގިރޭސި ޕްރިމިއާ ލީގުގެ ހޯލް އޮފް ފޭމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ވޭން ރޫނީއާއި އާސެނަލްގެ ކުރީގެ ތަރި ޕެޓްރިކް ވިއެރާ ހިމެނިއްޖެއެވެ.

ހޯލް އޮފް ފޭމްގެ ނުވަ ވަނައަށް ރޫނީ ހިމެނުނުއިރު، ވިއެރާ ހިމެނިފައިވަނީ 10 ވަނައަށެވެ.

ރޫނީއަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީޚުގައި ވެސް ދެ ވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑުގައި އޭނާ ޖަހާފައިވާ 208 ގޯލެެވެ. އަދި އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑާއެކު ފަސް ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.

ރޫނީ އެންމެ ފުރަތަމަ ކުޅެފައިވަނީ އެވަޓަންއަށެވެ. އެ ޓީމަށް އޭނާ އެންމެ ފުރަތަމަ ކުޅުނު މެޗަކީ އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި ވެސް އޭނާ ވަނީ ހިތްގައިމު ލަނޑެއް ޖަހައިފައެވެ. އެވަޓަން ދޫކޮށް އޭނާ ޔުނައިޓެޑަށް ބަދަލުވީ 30 މިލިއަން ޔޫރޯއަށެވެ.

ޔުނައިޓެޑަށް ބަދަލުވިތާ 13 އަހަރުގެ ތެރޭގައި ރޫނީ ވަނީ ކުލަބްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހޯދާފައެވެ. އަދި ޔުނައިޓެޑާއެކު ޖެހިޖެހިގެން ތިން ފަހަރަށް ލީގު ހޯދިއެވެ. އެއީ 2006/07، 2008/09 އަދި 2009/10 އެވެ. އަދި އޭނާ ވަނީ 2009/10 ވަނަ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާކަން ވެސް ހޯދާފައެވެ.

ވިއެރާ ވަނީ އޭނާ އާސެނަލްއާއެކު ހޭދަކުރި 11 ސީޒަންގައި ތިން ފަހަރެއްގެ މަތިން އެ ޓީމާއެކު ލީގު ކާމިޔާބުކޮށްފައެވެ. އަދި 2003/04 ވަނަ އަހަރު އާސެނަލް މެޗަކުން ބަލިނުވެ ލީގު ހޯދިއިރު، ވިއެރާ އަކީ އެ ޓީމުގެ ކެޕްޓަންއެވެ.

ވިއެރާ އާސެނަލްއަށް ބަދަލުވީ އޭސީ މިލާނުގައި ހުރެފައެވެ. އަދި އޭނާ އާސެނަލް އަށް ބަދަވެ ދެ ވަނަ ސީޒަންގައި ވަނީ އެ ޓީމާއެކު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ.

ވިއެރާ ވަނީ 2000/01 ވަަނަ ސީޒަންގެ މޮޅު ކުޅުންތެރިޔާކަން ވެސް ހޯދާފައެވެ. ވިއެރާ ވަނީ އޭނާ އާސެނަލްއަށް ކުޅެދިން 279 މެޗުގައި 29 ގޯލް ޖަހައިދީފައެވެ. އޭނާ މި ވަގުތު ހުރީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލޭސްގެ މެނޭޖަރަކަށެވެ.

ރޫނީ އާއި ވިއެރާގެ އިތުރުން ހޯލް އޮފް ފޭމްގައި ހިމެނެނީ، އަލަން ޝިއެރާ، ތިއެރީ ހެންރީ، އެރިކް ކެންޓޮނާ، ރޮއީ ކިއޭން، ފްރެންކް ލަމްޕާޑް، ޑެނީސް ބާކަމްޕް، ސްޓެވެން ޖެރާޑް އަދި ޑޭވިޑް ބެކަމްއެވެ.

comment ކޮމެންޓް