ރަޝިޔާގެ ގައުމީ އެއާލައިން، އޭރޯފްލޮޓުގެ ދަތުރުތައް އަލުން ފެށުމަށް ފުރުސަތު އެބައޮތް ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީގެ އިންފޯމޭޝަން އޮފިސަރު އިބްރާހީމް މުޙައްމަދު މިއަދު "ސަން"އަށް ވިދާޅުވީ ރާއްޖެއާއި ރަޝިޔާއާ ދެމެދު ވެވިފައިވާ ވައިގެދަތުރުފަތުރުގެ ޚިދުމަތްދިނުމުގެ އެއްބަސްވުމުގެ ދަށުން ދެމުން ދިޔަ ޚިދުމަތްތަކާ ބެހޭ ގޮތުން ރަޝިޔާގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން ސިޓީއެއް ފޮނުވާފައިވާކަމަށެވެ.
އެ ސިޓީގެ ޖަވާބުގައި އެ އެއްބަަސްވުމުގެ ދަށުން ފޯރުކޮށްދެމުން އައި ޚިދުމަތްތައް ކުރިއެކޭ އެއްގޮތަށް ދިނުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ދަންނަވާފައިވާނެ ކަމަށް އިބްރާހީމް ވިދާޅުވިއެވެ.
އޭރޯފްލޮޓުގެ ދަތުރުތައް އެ އެއާލައިނަށް އަމާން ގައުމުތަކުގައި މިހާރު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ރަޝިޔާ އެއާލައިންސް ރާއްޖޭގެ ވެލާނާ އެއާރ ޕޯޓްއަށް ޖައްސަނީ --- ސަން ފޮޓޯ. ފަޔާޒު
އެގޮތުން، އަންނަ މަހުގެ އަށް ވަނަ ދުވަހު ސްރީލަންކާއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މިމަހުގެ 22ވަނަ ދުވަހު އެ އެއާލައިނުން ވަނީ ބުނެފައެެވެ.
އަދި މިމަހުގެ ތެރޭ އީރާނާއި، ކިރިގިސްތާން، އަރުމީނިއާ، އަދި އާޒަރުބައިޖާން ވެސް ދަތުރުތައް ފަށާނެކަމަށް ވަނީ އިއުލާނުކޮށްފައެވެ.
ނަމަވެސް، ރާއްޖެއަށް ދަތުރުތައް ފަށާނެ ސީދާ ތާރީހެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. ބޮޑަށް ލަފާ ކުރެވެނީ ރާއްޖެ ދަތުރުތައް ފެށޭނީ އަންނަ މަހުގެ ފަހުކޮޅު، ނުވަތަ މެއި މަހުގެ ތެރޭގައި ކަމަށެވެ.
ރަޝިޔާ އާއި ޔޫކްރޭނާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ ،މަޝްރަހު ހޫނުވެ، އެގައުމުން ރާއްޖެއަށް ކުރަމުންދިޔަ ސީދާ ދަތުރުތައް ހުއްޓާލީ މިމަހުގެ އަށްވަނަ ދުވަހުއެވެ.
އެއާއެކު، ރާއްޖެއަށް ރަޝިޔާއިން އަންނަ ފަތުރުވެރިންގެ އަދަދު 72.9 އިންސައްތަ ވަނީ ދަށްވެފައެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ޔޫކްރޭން ހަނގުރާމަ ފެށުމުގެ ކުރިން، ރާއްޖެއަށް އަންނަ 15.8 ޕަސެންޓް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. މިހާރު އެ އަދަދު ވަނީ 13.7 ޕަސެންޓަށް ވެއްޓިފައެވެ.
މިދިޔަ މަހުގެ 24 އާއި މި މަހުގެ ދެވަނަ ދުވަހާ ދޭތެރެ ރާއްޖެއަށް ރަޝިއާގެ 4،395 ފަތުރުވެރިން އައި އިރު މިމަހުގެ ތިން ވަނަ ދުވަހާއި ނުވަ ވަނަ ދުވަހާ ދޭތެރޭ ޒިޔާރަތްކުރީ އެގައުމުގެ 4،118 ފަތުރުވެރިންނެވެ.
އޭގެ ފަހުން، މިމަހުގެ ނުވަ ވަނަ ދުވަހާއި މިދިޔަ ބުދަ ދުވަހާ ދޭތެރޭ ރާއްޖެއަށް އައިސްފައި ވަނީ ރަޝިއާގެ 1،191 ފަތުރުވެރިންނެވެ.
ރަޝިޔާ މާކެޓު ގެއްލުނަ ނުދީ ހިފެހެއްޓުމަށްޓަކައި ވީހާވެސް އަވަހަކަށް ސީދާ ދަތުރުތައް އަލުން ފެށުމަކީ މުހިއްމުކަމެއް ކަމަށް ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.