ރާއްޖޭގެ މާކެޓުގައި ރަޝިއާގެ ހިއްސާ ކުޑަވި ނަމަވެސް ފަތުރުވެރިންގެ ޖުމްލަ އަދަދުވީ އިތުރު

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ފަތުރުވެރިންތަކެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔޫކްރޭން ހަނގުރާމައިގެ އަސަރުތަކާއެކު, ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ރަޝިއާގެ ހިއްސާ ކުޑަވި ނަމަވެސް، މިދިޔަ މަހު ފަތުރުވެރިން ޒިޔާރާތް ކުރި ޖުމްލަ އަދަދު އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 149،008 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާ އިރު 13 ޕަސެންޓުގެ ކުރިއެރުމެކެވެ.

މި އަހަރުގެ މިހާތަނަށް ޖުމްލަ 359،272 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ މިދިޔަ އަހަރުގެ މިހާތަނާ އަޅާބަލާއިރު، 48.8 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ޔޫކްރޭން ހަނގުރާމަ ފެށުމުގެ ކުރިން، ރާއްޖެއަށް އަންނަ 15.8 ޕަސެންޓް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. މިހާރު އެ އަދަދު ވަނީ 13.7 ޕަސެންޓަށް ވެއްޓިފައެވެ.

މިދިޔަ މަހުގެ 24 އާއި މި މަހުގެ ދެވަނަ ދުވަހާ ދޭތެރެ ރާއްޖެއަށް ރަޝިއާގެ 4،395 ފަތުރުވެރިން އައި އިރު މިމަހުގެ ތިން ވަނަ ދުވަހާއި ނުވަ ވަނަ ދުވަހާ ދޭތެރޭ ޒިޔާރަތްކުރީ އެގައުމުގެ 4،118 ފަތުރުވެރިންނެވެ.

އޭގެ ފަހުން، މިމަހުގެ ނުވަ ވަނަ ދުވަހާއި މިދިޔަ ބުދަ ދުވަހާ ދޭތެރޭ ރާއްޖެއަށް އައިސްފައި ވަނީ ރަޝިއާގެ 1،191 ފަތުރުވެރިންނެވެ.

އެހެންކަމުން ޔޫކްރޭން ހަނގުރާމަ ފެށުނު ހަފްތާއާ އަޅާ ބަލާ އިރު، މިމަހުގެ ނުވަ ވަނަ ދުވަހާއި މިދިޔަ ބުދަ ދުވަހާ ދޭތެރޭ ރާއްޖެ އައި ރަޝިއާގެ ފަތުރުވެރިންގެ އަދަދު ވަނީ 72.9 ޕަސެންޓު ދަށްވެފައެވެ.

ރަޝިއާ މާކެޓަށް އަމާޒުކޮށްގެން ހިންގާ ޓްރެވަލް އޭޖެންސީތަކުން ބުނީ މިހާރު ވެސް، ބައެއް ބުކިންތައް ކެންސަލް ވަމުން އަންނަ ކަމަށާއި އަދި، އާ ބުކިންތައް ލިބޭ މިންވަރު މަދުވަމުން އަންނަ ކަމަށެވެ.

މި ހަނގުރާމައިގެ އަސަރު ތަފާސްހިސާބުތަކުން އަދި ފާހަގަނުވި ކަމުގައި ވިޔަސް ކުރިއަށް އޮތް ތަނުގައި ބޮޑު ތަފާތެއް ފެންނާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

comment ކޮމެންޓް