އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު އަންނަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނިގޮތުގައި އަންނަ މަހުގެ ހަތް ވަނަ ދުވަހު ލީގުގެ ދެވަނަ ބުރު ފަށާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބް އީގަލްސް ބައްދަލުކުރާ މެޗުންނެވެ. ރަމަޟާން މަސްކަމަށްވާތީ ލީގުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ 22:00 ގައެވެ.
އެ ހަފްތާގައި ކުޅޭ އެހެނިހެން މެޗުތަކަށް ބަލާއިރު، ކުލަބް ވެލެންސިއާ ނިކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮށެވެ. އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށް ނިކުންނައިރު، ހަފްތާގެ ފަހު މެޗުގައި ކުލަބް ގްރީން ސްޓްރީޓްސް ނިކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
އޭޕްރީމް މަހުގެ 12 ވަނަ ދުވަހު އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ވެލެންސިއާއިން ބޫޓާންގެ ލީގު ޗެމްޕިއަން ޕާރޯ އެފްސީއާ ދެކޮޅަށް މާލޭގައި ކުޅޭނެއެވެ. އެ މެޗުން މޮޅުވެއްޖެނަމަ، އޭޕްރީލް 19 ވަނަ ދުވަހު ވެލެންސިއާއިން ނިކުންނާނީ ބަންގްލަދޭޝްގައި އެ ގައުމުގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. ދެ ވަނަ ބުރަށް ވެެލެންސިއާ ދަތުރުކޮށްފިނަމަ ލީގުގައި އޭޕްރީލް 17 ވަނަ ދުވަހު އެ ޓީމުން މާޒިޔާއަށް ދެކޮޅަށް ކުޅޭ މެޗު ފަސްކުރާގޮތަށް ތާވަލްގައިވެއެވެ.
ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު މާޒިޔާއިން އެއް ވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ލިބުނު 21 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އީގަލްސް އޮތީ 16 ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި 12 ޕޮއިންޓާއެކު ވެލެންސިއާ އޮތްއިރު، ހަތަރު ވަނައިގައި ޓީސީ އޮތީ 10 ޕޮއިންޓާއެކުއެވެ. ފަސް ވަނައިގައި އޮޔް ޔޫވީއަށް ލިބެނީ ނުވަ ޕޮއިންޓެެވެ. ހަތް ޕޮއިންޓާއެކު ހަ ވަނައިގައި އޮތީ ސަސްއެވެ. އަދި ހަތް ވަނައިގައި ގްރީން ހަތަރު ޕޮއިންޓާއެކު އޮތްއިރު، ފުލުގައި އޮތީ ދަ ގްރާންޑޭއެވެ.