އޭޖީ ދިފާއުކުރައްވާ އީވާ ވިދާޅުވަނީ އިތުރުފުޅު ހެއްދެވީ މިނިސްޓަރު އިމްރާން ކަމަށް

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ --- ފޮޓޯ/ މަޖިލިސް

ފުލުހުންގެ އިދާރާގައި ގަސްދުގައި ގޯސް ހަދާ މީހުން އުޅޭ ކަމަށާއި އިތުރުފުޅު ހައްދަވާ ކަމަށް ބޮޑަށް ބުރަވެވެނީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިފަދައިން ވިދާޅުވެފައިވަނީ ނިޒާމު ރަނގަޅަށް އެނގިގެން އެ ނިޒާމުގެ ލޫޕް ހޯލްތައް ބޭނުން ކޮށްގެން ގޯސް ހަދާ މީހުން ދައުލަތް ތެރޭގައި އެބަތިބި ކަމަށް އެޓާނީ ޖެނަރަލް އިބްރާހީމް ރިއްފަތު ވިދާޅުވި ވާހަކަ، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ދޮގުކުރައްވައިފައިވާތީ، އެއް ވަޒީރަކު އިތުރުފުޅު ހައްދަވާ ކަމަށް ބުނެ މަޖިލީހަށް ހުށަހަޅައިފައިވާ މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

އީވާ ވިދާޅުވީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ފުލުހުންނާއި ކޯޓުތަކުގައި ގޯސް ހަދާ މީހުން އުޅޭ ކަމީ އެންމެން ދަންނަ ޙަޤީޤަތެއް ކަމަށެވެ.

"މަސްތުވާތަކެއްޗާ ގުޅޭ ކަންކަމާ ހިއުމަން ޓްރެފިކިންއާ ގުޅޭ ކަންކަމާ މި ކަހަލަ ބޮޑެތި ޖަރީމާތަކުގައި ގަސްދުގައި ގޯސް ހަދާ ފުލުހުން، މުޅި ދުނިޔޭގައި ވެސް އުޅޭކަން އެނގޭ، އެއީ ހަމަ ދޮގު ނުކުރެވޭނެ ފަދަ ވާހަކައެއް،" އީވާ ވިދާޅުވިއެވެ.

ކަން މިހެން އޮތް އިރު ދިވެހި ފުލުހުންގެ ތެރޭގައި އެފަދަ ބަޔަކު ނޫޅޭނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވުމަކީ ގަބޫލުކުރެވޭނެ ފަދަ ކަމެއް ނޫން ކަމަށާއި މިނިސްޓަރު ހެއްދެވީ އިތުރުފުޅެއްގެ ގޮތުގައި އީވާ ސިފަކުރެއްވިއެވެ.

"މި ސަރުކާރަކު ގޯހެއް ނުހިނގާނޭ، މި ފުލުސް އޮފީހަކު ކަމެއް ނުހިނގާނޭ ބުންޏަސް މީހަކު ގަބޫލެއް ނުކުރާނެ،" އީވާ ވިދާޅުވިއެވެ.

އީވާ އިތުރަށް ވިދާޅުވީ ބަންޑާރަ ނައިބު އެފަދަ އިތުރުފުޅެއް ނުހައްދަވާނެ ކަމަށާއި އެހެންކަމުން ހޯމް މިނިސްޓަރު މި މައްސަލަ އިތުރަށް ބަލައި ތަހުގީގުކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން އެޓާނީ ޖެނެރަލް މި ވަރުގެ ވާހަކައެއް ވިދާޅެއް ނުވާނެ، ޙަޤީޤަތެއް ނެތިއްޔާ. އެހެންވީމާ މޮޅު އިތުރީ ހޯމް މިނިސްޓަރު ވިދާޅުވުން ތަހުގީގު ކުރައްވާނަމޭ، އަދި ތަހުގީގު ކުރައްވައިފައި އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ދެއްވާނަމޭ،" އިތުރުފުޅު ހެއްދެވީ އިމްރާން ކަމަށް ސިފަވާ ގޮތަށް އީވާ ވިދާޅުވިއެވެ.

https://sun.mv/163124

comment ކޮމެންޓް