އެރިކްސަން އެނބުރި ގައުމީ ޓީމަށް

ޑެންމާކަށް ކުޅޭ އެރިކްސަން

މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ހިތްހުއްޓިގެން ދަނޑުން ބޭލި ކްރިސްޓިއަން އެރިކްސަން ދުވަސް ކޮޅެއްގެ މެދު ކެނޑުމަކަށްފަހު ޑެންމާކުގެ ގައުމީ ޓީމަށް ކުޅެން ފަށައިފިއެވެ.

އޭނާގެ ހިތް ހުއްޓިފައިވަނީ ޔޫރޯ މުބާރާތުގެ ފުރަތަމަ މެޗުގައި ފިންލޭންޑްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިންނެވެ. އޭނާ ގައުމީ ޓީމަށް ކުޅެން ފަށާފައި މި ވަނީ ހާދިސާ ހިނގިތާ 287 ދުވަސް ފަހުންނެވެ.

ރޭ ޑެންމާކުން ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އެރިކްސަން ކުޅެން ނިކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ރޭގެ މެޗުގެ 16 ވަނަ މިނެޓުގައި ނެދަލޭންޑްސްއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްޓީވެން ބާގްވައިންއެވެ. އޭގެ ހަަތަރު މިނެޓު ފަހުން ޑެންމާކުން ނަތީޖާ ހަމަހަމަކުރީ ޔަނިކް ވެސްޓެގާޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ޑެންމާކުން ނަތީޖާ ހަމަހަމަކުރިތާ ނުވަ މިނެޓު ފަހުން، މެޗުގެ 29 ވަނަ މިނެޓުގައި ނެދަލޭންޑްސްއަށް ލީޑު ނަގައިދިނީ ނޭތަން އަކޭއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނެދަލޭންޑްސް އިން ނަތީޖާ ފުޅާ ކުރީ މެޗުގެ 38 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މެމްފިސް ޑިޕާއީއެވެ.

އެރިކްސަން ކުޅެން ނިކުމެފައިވަނީ މެޗުގެ 46 ވަނަ މިނެޓުގައެވެ. ކުޅެން އަރައި ދެ މިނެޓުގެ ތެރޭގައި ލަނޑެއްޖަހައި އެރިކްސަން ވަނީ ޑެންމާކަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް މެޗުގެ 71 ވަނަ މިނެޓުގައި ބާގްވައިން ވަނީ ނެދަލޭންޑްސްގެ ހަތަރު ވަނަ ލަނޑު ޖަހައިދީފައެވެ. މެޗުން ޑެންމާކު ބަލިވެފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ.

comment ކޮމެންޓް