ސްރީލަންކަން އެއާލައިންސްއިން ގަމަށް ހަފްތާއަކު ދެ ދަތުރުކުރަން ފަށަނީ

ސްރީލަންކަން އެއާލައިންސްއިން ގަމަށް ޖެއްސި ފުރަތަމަ ފްލައިޓު -- ސަން ފައިލް ފޮޓޯ/ މާހިލް މުހައްމަދު

ސްރީލަންކަން އެއާލައިންސްއިން ކޮލަމްބޯ އާއި އައްޑޫ ސިޓީގެ ގަމާ ދެމެދު ކުރާ ސީދާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.

ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ކޮލަމްބޯ އާއި ގަމާ ދޭތެރޭ މިހާރު އޮންނަނީ ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު އެކަންޏެވެ.

އެ އެއާލައިނުން އިއްޔެ ކުރި ޓުވީޓެއްގައިވާ ގޮތުން އަންނަ އަންގާރަ ދުވަހުން ފަށައިގެން، ކޮންމެ ހަފުތާއަކު ދެ ދުވަހު ދަތުރުތައް ބާއްވާނެއެވެ.

ސްރީލަންކަން އެއާލައިންސްގެ ސީދާ ދަތުރުތައް ގަމަށް ފެށީ ޑިސެމްބަރު 2016ގައެވެ. ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެދަތުރުތައް މެދުކެނޑުނެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހު އެ އެއާލައިނުން ވަނީ ކޮލަމްބޯ އާއި ގަމާ ދެމެދު ޗާޓަރު ފްލައިޓުތައް ފަށާފައެވެ.

އޭގެ ފަހުން ކޮލަމްބޯ އާއި ގަމާ ދޭތެރޭ އާންމު ދަތުރުތައް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ސްރީލަންކަންއިން ގަމަށް ކުރާ ދަތުރުތައް ހުވަދުއާ ގުޅާލުމަށް ޓަކައި، މަންތާ އެއާއިން ވަނީ ކޮންމެ ހޮނިހިރު ދުވަހަކު މާލެއިން ގަމަށް އޮންނަ ދަތުރުގެ ދެކޮޅުގައި ވެސް ކޫއްޑޫއަށް ޖައްސަން ފަށާފައެވެ.

މަންތާ އެއާއިން އެގޮތަށް ދަތުރުތައް ފެށީ މިދިޔަ މަހުގެ 24ގައެވެ. އަދި ސްރީލަންކަންއިން އައްޑުއަށް ކުރާ ދަތުރުތައް އިތުރުވާ ވަރަކަށް ކޫއްޑޫ މަގުން ކުރާ ދަތުރުތައް ވެސް އިތުރުވާނެ ކަމަށް މަންތާއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް