ފ. އަތޮޅުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މަގޫދޫއަށް

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި މަގޫދޫ ޓީމަށް ތަށި ހަވާލުކުރުމުގެ ތެރެއިން -- ފޮޓޯ / އެމްޒެޑްސީ

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން މަގޫދޫ ޒުވާނުންގެ ކުލަބް (އެމްޒެޑްސީ)އިން ހޯދައިިފިއެވެ.

މަގޫދޫ ރަސްމީ ވޮލީ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު މަގޫދޫން ކާމިޔާބުކުރީ ސީދާ ތިން ސެޓުން ދަރަނބޫދޫ ޕާޕަލް ޕަވާސް (ޑީޕީޕީ) ބަލިކޮށްގެންނެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓު 25-23ގެ ހަނި ނަތީޖާއަކުން މަގޫދޫން ކާމިޔާބުރި ނަމަވެސް، އޭގެ ޖެހިގެން އައި ދެ ސެޓު ވެސް އެ ޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކުއެވެ. އެއީ ދެ ވަނަ ސެޓު 25-08 އިން އަދި ތިން ވަނަ ސެޓު 25-11 އިންނެވެ. ފަައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްޒެޑްސީގެ ޢާއިޝަތު ރީމާއެވެ.

މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވިފައިވަނީ ނިލަންދޫ ސްޕޯޓްސް ކުލަބް (އެންއެސްސީ)ގެ އަރީބާ ޙަސަންއެވެ.

މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް)ގެ އިބާ ޢަބްދުﷲ އެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އެމްޒެޑްސީގެ ކޯޗު މުޙައްމަދު ނަދީމް (ނަދީމް ކޯޗު)އެވެ.

މުބާރާތުގެ ތިން ވަނަ ޓީމަކަށް ހޮވުނީ ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް)އެވެ. އަދި ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ނިލަންދޫ ސްޕޯޓްސް ކުލަބް (އެންއެސްސީ)އެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ އެމްޒެޑްސީގެ ޢާއިޝަތު ރީމާ، ޝާހިރާ މުޙައްމަދު، އެންއެސްސީގެ ނިޝްފާ ޢަބްދުލްޙަލީމް، ޑީޕީޕީގެ ފަޒްލާ މުޙައްމަދު، ޑީޕީޕީގެ ފަޒްލާ އާދަމް އަދި ބިލެއްދޫ ރައިޒިން ސަޓާ (ބީއާރުއެސް)ގެ ރިފްދާ އިބްރާހީމެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ މަގޫދޫ ސްޕޯޓްސް ކުލަބް (އެމްޒެޑްސީ)ގެ ޢާއިޝަތު ރީމާއެވެ.

އަތޮޅު މުބާރާތަށްފަހު ދެން ކުރިއަށް ދަނީ ޒޯން މުބާރާތެވެ. ޒޯން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި އޮތީ ހަތް ބަޔަކަށް ބަހާލައިގެންނެވެ. ޒޯން އެކެއްގައި ހިމެނެނީ ހއ. ހދ އަދި ށ އަތޮޅެވެ. ޒޯން ދޭއްގައި އޮތީ ނ. ޅ. ބ އަދި ރ އަތޮޅެވެ. ޒޯން ތިނެއްގައި އޮތީ ކ. ވ. އއ އަދި އދ އަތޮޅެވެ. ޒޯން ހަތަރެއްގައި އޮތީ މ. ފ އަދި ދ އަތޮޅެވެ. ޒޯން ފަހެއްގައި އޮތީ ތ. އަތޮޅާއި ލ. އަތޮޅެވެ. ޒޯން ހައެއްގައި ގއ. އަތޮޅާއި ގދ. އަތޮޅު އޮތްއިރު، ޒޯން ހަތެއްގައި އޮތީ އައްޑޫ އާއި ފުވައްމުލަކެވެ.

މިއީ ރާއްޖޭގެ ވޮލީ އެހެން ހަރުފަތަކަށް ގެންދިޔުމަށާއި އަތޮޅު ތެރޭގައި ވޮލީގެ ފޯރި ގަދަކުރުމަށާއި އަތޮޅު ތެރޭގައި ވޮލީއަށް މޮޅެތި ކުޅުންތެރިން އުފެއްދުމަށް ޔޫތު މިނިސްޓްރީއާއި ވީއޭއެމްއިން ކުރާ މަސައްކަތެއް ކަމަށް މުބާރާތް ހިންގުމާ ހަވާލުވެ ހުންނެވި ވީއޭއެމްގެ ނައިބު ރައީސް ޢަލީ އަޝްރަފް ވިދާޅުވެއެވެ.

comment ކޮމެންޓް