ފ. އަތޮޅުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ބިލެއްދޫން ހޯދައިފި

ޗެމްޕިއަންކަން ހޯދި ބިލެއްދޫ ޓީމަށް ތަށި ހަވާލުކުރުމުގެ ތެރެއިން -- ފޮޓޯ / ވީއޭއެމް

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި މިއަަދު މަގޫދޫ ޒުވާނުންގެ ކުލަބް (އެމްޒެޑްސީ) ބަލިކޮށް ބިލެއްދޫ ރައިސިން ސްޓާ (ބީއާރުއެސް)އިން އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މަގޫދޫ ރަސްމީ ވޮލީ ކޯޓުގައި ކުޅުނު މި މެޗު ބިލެއްދޫން ކާމިޔާބުކޮށްފައިވަނީ ތިން ސެޓު އެއް ސެޓުންނެވެ.

ފުރަތަމަ ސެޓު ފަށައިގެން މަގޫދޫއަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް ބިލެއްދޫން ވަނީ އެ ސެޓު ކާމިޔާބުކޮށްފައެވެ. ބިލެއްދޫން ފުރަތަމަ ސެޓު ކާމިޔާބުކުރީ 25-17 އިންނެވެ. ފުރަތަމަ ސެޓާ ޚިލާފަށް މަގޫދޫން ދެވަނަ ސެޓު ފަށާފައިވަނީ ރަނގަޅަށެވެ.

އެ ސެޓުގައި ބިލެއްދުއަށް ލީޑު ނަގާނެ ފުރުޞަތެއް ނުދީ މަގޫދޫން ސެޓު ނިންމުމަކާ ގާތްވެފައި ވަނިކޮށް ބިލެއްދޫން ވަނީ 24-24 އިން އެއްވަރުކޮށްފައެވެ. ނަމަވެސް ޔޫޝައު ޙަސަންގެ ސްޕައިކަކާއެކު މަގޫދޫން ލީޑު ނަގައި ސެޓު ކާމިޔާބުކުރީ ބިލެއްދޫގެ އަޙުމަދު ނާފިޔު ބޭރަށް ޖެހި ސްޕައިކަކާއެކު ލިބުނު ޕޮއިންޓުންނެވެ.

ޖެހިގެން އައި ދެ ސެޓު ވެސް ކާމިޔާބުކޮށްފައިވަނީ ބިލެއްދޫ ޓީމުންނެވެ. ބިލެއްދޫން ތިން ވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ 25-15 އިންނެވެ. އަދި ހަތަރު ވަނަ ސެޓު ކާމިޔާބުކޮށްފައިވަނީ 25-19 އިންނެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގެ ތެރެއިން -- ފޮޓޯ / ވީއޭއެމް

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބިލެއްދޫ ޓީމުގެ އަޙުމަދު ނާފިޔުއެވެ.

މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވިފައިވަނީ ބިލެއްދޫ ޓީމުގެ އަޙުމަދު ޝަރީފުއެވެ.

މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ނިލަންދޫ ސްޕޯޓްސް ޖެނަރޭޝަން ކުލަބް (އެސްޖީސީ)ގެ އަސީލް އަބްދުއް ރަޝީދުއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ބިލެއްދޫ ޓީމުގެ ކޯޗު އަލީ ޒާހިރުއެވެ.

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ އެމްޒެޑްސީގެ ޓީމުގެ ޔޫޝައު ޙަސަން، މުޙައްމަދު އަރީފް، އިބްރާހިމް ނަދީން، އެފްޑީއެސްގެ އަޙުމަދު ޝާހު، ޑީޕީޕީގެ ޒިޔާން ޙުސެއިން އަދި ބީއާރުއެސްގެ އަޙުމަދު ނާފިޔުއެވެ.

މުބާރާތުގެ ތިން ވަނަ ޓީމަކަށް ހޮވުނީ ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް)އެވެ. އަދި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ދަރަނބޫދޫ ޕާޕަލް ޕަވާސް (ޑީޕީޕީ)އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށް ހޮވުނީ ބިލެއްދޫ ޓީމުގެ އަޙުމަދު ނާފިޔުއެވެ.

comment ކޮމެންޓް