އޯއޭސީޕީއެސްގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ރުހުންދީފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އޯއޭސީޕީއެސްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭ ގޮތުން މަޖިލީހުގެ ލަފަޔަކަށް އެދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހުށަހެޅުއްވީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އޯއޭސީޕީއެސްގައި ރާއްޖެއިން ބައިވެރިވުމަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ވޯޓުންނެވެ.

ރާއްޖެއިން މި ޖަމުޢިއްޔާގެ މެންބަރު ގައުމަކަށްވުމުން ރާއްޖެއާއި އެފްރިކާ ކެރީބިއަން އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރުން، ރާއްޖެއިން ވަކާލާތުކުރަމުން އަންނަ މުހިންމު މައްސަލަތައް ކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް ކުރާ އަސަރުތައް ފަދަ ގިނަ ދާއިރާތަކުގައި އަޑުއުފުލުމުގެ ފުރުސަތު ފުޅާވުމާއި، ތަރައްގީގެ އެކިއެކި ޕްރޮޖެކްޓްތަކަށް ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން އޯއޭސީޕީއެސްއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިންސްޓިޓިއުޝަންތަކުގެ އެހީތެރިކަން ލިބުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ.

އެގޮތުން ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށާއި ރާއްޖެއަށް ޔޫރަޕުގެ ޝެންގެން ވިސާ ހޯދުމަށް ލުއި ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

މިހާރު 79 ގައުމެއް ބައިވެރިވާ މި ޖަމުޢިއްޔާގައި ރާއްޖެއިން ބައިވެރިވެއްޖެނަމަ ރާއްޖެ ވެގެންދާނީ މި ޖަމުޢިއްޔާގައި ބައިވެރިވާ 80 ވަނަ މެންބަރު ގައުމަށެވެ.

އޯއޭސީޕީއެސް އަކީ ޖޫން ހަޔެއް، 1975 ވަނަ އަހަރު ވުޖޫދުވި ޖަމުޢިއްޔާއެކެވެ.

މި ޖަމުޢިއްޔާ ވުޖޫދަށް އައިސްފައިވަނީ 1975 ވަނަ އަހަރު އުފެދުނު "ޖޯޖްޓައުން އެގްރިމެންޓް" ގެ ދަށުން މި ޖަމުޢިއްޔާގެ މެންބަރު ގައުމުތަކުގެ މެދުގައި ފަގީރުކަން ނައްތާލުމުގެ މަޤްޞަދުގައެވެ.

މީގެއިތުރުން ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތް ކުރުމަކީ ވެސް މި ޖަމުޢިއްޔާގެ މަޤްޞަދެކެވެ. އަދި ދުނިޔޭގެ އިގްތިސޯދުގެ ތެރެއަށް މި ޖަމުޢިއްޔާގެ މެންބަރު ގައުމުތަކުން ފުޅާ ރޯލެއް ކުޅުމަކީ ވެސް މި ޖަމުޢިއްޔާގެ މެންޑޭޓުގައި ހިމެނޭކަމެކެވެ.

އޯއޭސީޕީއެސްގެ މެންބަރު ގައުމުތަކުގެ ތެރޭގައި ކެރީބިއަން، އެފްރިކާ އަދި ޕެސިފިކްގެ ބައެއް ގައުމުތައް ހިމެނެއެވެ.

މި ޖަމުޢިއްޔާގެ އިދާރާ ހުންނަނީ ބެލްޖިއަމްގެ ވެރިރަށް ބްރަސްލްސްގައެވެ.

އޯއޭސީޕީއެސްގެ މި ދައުރުގެ ސެކްރެޓަރީ ޖެނެރަލް އަކީ އެންގޯލާގެ ކުރީގެ ފޮރިން މިނިސްޓަރު ޖޯޖެސް ޗިކޯޓީއެވެ.

މި ޖަމުޢިއްޔާގެ މެންބަރުންގެ ގޮތުގައި މޮރިޝަސް އާއި ސޯމާލިއާ ފަދަ ގައުމުތައް ހިމެނޭއިރު، އދ.ގެ މެންބަރު ގައުމުތަކުގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ ގޮނޑިތައް މި ޖަމުޢިއްޔާގައި އެކުލެވެއެވެ.

comment ކޮމެންޓް