އިންޑިއާ އައުޓް ގޮވުން ސަރުކާރަށް ނުހުއްޓުވެންވީ ސަބަބެއް ނެތް: އީވާ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ--- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި "އިންޑިއާ އައުޓް" ގޮވުން ސަރުކާރަށް ނުހުއްޓެވެންވީ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިފަދައިން ވިދާޅުވީ އިދިކޮޅު ޕީޕީއެމުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން މާލޭގައި ބާއްވާ ބޮޑު އެއްވުން ހުއްޓުވުމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވައިފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

އީވާ ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ދިވެހި ރައްޔިިތުންގެ އަދި ޕީޕީއެމް މެންބަރުންގެ ރޫހެއް ވެސް ނޫން ކަމަށާއި އެއީ އިދިކޮޅު ލީޑަރުން ފަތުރަމުންގެންދާ "ސިޔާސީ ފިތުނައެއް" ކަމަށެވެ.

"އެއީ ހަމަ ކަނޑައެޅިގެން ޕީޕީއެމްގެ ވެރީން އެމީހުންގެ ސިޔާސީ ނުވަތަ މާލީ ކޮންމެވެސް ބޭނުމަކަށް ޓަކައި މަތިން ތިރިއަށް ލަންބައިގެން އުޅޭ ކަމެއް ޢިއްޒަތްތެރި ރައީސް، އެއްގޮތަކަށް ވެސް އެއީ ދިވެހި ރައްޔިތުންގެ ނުވަތަ ޕީޕީއެމް މެންބަރުންގެ ރޫހެއް ނޫން،" އީވާ ވިދާޅުވިއެވެ.

ތާރީޚަށް ބަލާލުމުން ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމަކީ އިންޑިއާ ކަން އެންމެން ވެސް ދަންނަ ކަމަށް އީވާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ފާއިތުވީ 50 އަހަރު ހިނގަމުން އައި ތަރައްގީގެ މަޝްރޫއުތަކާއި ރާއްޖޭގެ ހާލުގައި ޖެހުނު 1988އަށް ވަނަ އަހަރުގެ އުދުވާނީ ހަމަލާގެ އިތުރުން 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ވެސް ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ އިންޑިއާއިން ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ އިތުރަށް ވިދާޅުވީ މި ކެމްޕެއިނުގެ ސަބަބުން ގެއްލުންވާނީ ދިވެހި ގައުމަށް ކަމަށެވެ.

"އިންޑިއާއާ އަޅުގަނޑުމެން ފިތުނަ އުފައްދަންޏާ ޢިއްޒަތްތެރި ރައީސް، ދިވެހިރާއްޖެއަށް ކަން ގެއްލުންވާނީ ހަމަ ބުއްދިއެއް ހުރި އެންމެންނަށް ވެސް އެނގޭނެ، އެ ގެއްލުންވާނީ އިންޑިއާއަކަށް ނޫން،" އީވާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެންޑީއެފާއި ފުލުހުންގެ އިދާރާއިން ވެސް މިކަން ހުއްޓުވަން ޖެހޭ ކަމަށް ބުނަމުން އަންނައިރު، މި ހަރަކާތް ނުހުއްޓެވެންވީ ސަބަބެއް ނުވިސްނޭ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

"ކޮމިޝަނާ އޮފް ޕޮލިސް، އެމްއެންޑީއެފުން ސާފުކޮށް ބުނެފި ގައުމީ ނުރައްކަލެކޭ އިންޑިއާ އައުޓް މިއީ، އެހެންވީމާ ސަރުކާރަށް މިކަން ހުއްޓުވެން ޖެހޭނެ،" އީވާ ވިދާޅުވިއެވެ.

comment ކޮމެންޓް