އެމްއެންޔޫގެ މުވައްޒަފުންތަކެއް ކްރޮއޭޝިއާގައި ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފި

އެމްއެންޔޫގެ މުވައްޒަފުންތަކެއް ވަނީ ކްރޮއޭޝިއާގައި ބޭއްވި ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެފަ -- ފޮޓޯ/ އެމްއެންޔޫ

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ މުވައްޒަފުންތަކެއް ކްރޮއޭޝިއާގައި ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފިއެވެ.

ކްރޮއޭޝިއާގެ ޔުނިވާސިޓީ އޮފް ޒަގްރިބްގެ ދަ ފެކަލްޓީ އޮފް އޯގަނައިޒޭޝަން އެންޑް އިންފޯމެޓިކްސްގައި ބޭއްވި "ޖޮބް ޝެޑޯއިން" ތަމްރީނުގައި އެމްއެންޔޫގެ 16 މުވައްޒަފުން ބައިވެރިވިއެވެ.

އެ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް އެމްއެންޔޫގެ މުވައްޒަފުން ކްރޮއޭޝިއާއަށް ދިޔައީ މިމަހުގެ 12 ވަނަ ދުވަހެވެ. އަދި ތަމްރީނު ނިންމާލުމަށް ފަހު އެނބުރި އާއި މިދިޔަ ހުކުރު ދުވަހެވެ.

އެއީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އެހީއާއެކު އެމްއެންޔޫއިން ކުރިއަށްގެންދާ "އެޑްވާންސިން ހަޔާ އެޑިއުކޭޝަން އިން ދަ މޯލްޑިވްސް ތުރޫ އީ-ލާނިން ޑިވެލޮޕްމެންޓް (އެމެޑް)" ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

އެމްއެންޔޫގެ މުވައްޒަފުންތަކެއް ވަނީ ކްރޮއޭޝިއާގައި ބޭއްވި ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެފަ -- ފޮޓޯ/ އެމްއެންޔޫ

އެ ޕްރޮޖެކްޓުގެ މަގުސަދަކީ ރާއްޖޭގައިދޭ މަތީ ތަޢުލީމު، އީ-ލާނިން މެދުވެރިކޮށް ތަރައްގީކޮށް ކުރިއެރުވުމެވެ. އެ ޕްރޮޖެކްޓުގެ އަގު 592,720 ޔޫރޯއަށް އަރައެވެ.

އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ކްރޮއޭޝިއާގެ ޔުނިވާސިޓީގެ އިތުރުން ސްޕެއިންގެ ދަ އޯޕަން ޔުނިވާސިޓީ އޮފް ކެޓަލޯނިއާއިން ވެސް އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން 2019 ވަނަ އަހަރު އެމްއެންޔޫގެ މުވައްޒަފުންތަކެއް ވަނީ ސްޕެއިންގެ ބާސެލޯނާގައި ބޭއްވި ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެފައެވެ.

އެ ޕްރޮޖެކްޓްގެ ސަބަބުން އެމްއެންޔޫގެ މުވައްޒަފުންނަށް ތަޖުރިބާތައް ލިބިފައިވާ ދާއިރާތަކުގެ ތެރޭގައި ޚިޔާލު ބަދަލު ކުރުމާއި، މަޝްވަރާ ކުރުމުގެ ތެރެއިން އިންސާނީ ވަސީލަތް ބާރުވެރިކުރުމާއި ތަމްރީން ކުރުން، އީ-ލާނިން ރޯޑްމެޕް ތައްޔާރުކުރުމާއި ވަސީލަތްތައް ދެނެގަތުމާއި ހޯދުން، އަދި ޕްރޮޖެކްޓް މެދުވެރިކޮށް އިންސާނީ ވަސީލަތް ހޭލުންތެރިކޮށް މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

comment ކޮމެންޓް