އެމްޕީއެލްއަށް ރެހެންދި އެވޯޑު ލިބިއްޖެ، ކަނބަލުންނަށް ވަޒީފާ ދިނުމުގައި ދައްކަނީ ނަމޫނާ

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީއާ ރެހެންދި އެވޯޑް ހަވާލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ވަޒީފާ ދޭ ފަރާތްތަކާއި މުއައްސަސާތަކުގެ ތެރެއިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ރެހެންދި އެވޯޑް ހާސިލްކޮށްފިއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހަފްލާގައި އެމްޕީއެލްގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ ޝާހިދު ޢަލީއެވެ.

އެމްޕީއެލްއަކީ 1985 ވަނަ އަހަރުން ފެށިގެން ދިވެހީންނަށް ޚިދުމަތްދޭ ކުންފުންޏެކެވެ. މި ދިގު ތާރީޚުގައި އެ ކުންފުނިން ވަނީ އެ ދާއިރާގައި އަންހެނުން ބައިވެރި ކުރުވުމަށްޓަކައި އެތަކެއް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން 2019 އަދި 2020 ވަނަ އަހަރުގައި އަންހެނުންނަށް ޚާއްޞަކޮށްގެން ހެވީ ވެހިކަލް ދުއްވުމުގެ ޓްރެއިނިން ހުޅުވާލައި އެ ޕްރޮގްރާމްގެ ދަށުން ތަމްރީނުކޮށް ވަޒީފާގެ މައިދާނަށް އަންހެން މުއައްޒަފުން ހަމަޖައްސާފައިވެއެވެ.

މީގެއިތުރުން ވެސް ކުންފުނީގެ ސިޔާސަތުތަކުގައި ތަފާތުކުރުންތަކެއް ނެތުމުގެ ސަބަބުން ފިރިހެނުންނެކޭ އެއްފަދައިން އެމްޕީއެލްގައި މަސައްކަތްކުރާ އަންހެނުން ވެސް ދިގު މުއްދަތަކަށް އެ ކުންފުންޏަށް ޚިދުމަތް ކުރަމުން ދާކަން ފާހަގަކުރެވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ސިޔާސަތުތަކުގެ ތެރޭގައި މާބަނޑު މުއައްޒަފުންނަށް ގޭގައި މަަސައްކަތްކުރެވޭ އިންތިޒާމު ހަމަޖައްސައިދިނުމާއި، ކޮވިޑް19ގެ ހާލަތުގައި މާބަނޑު އަންހެން މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ރިލީޒް ހަމަޖައްސައިދިނުމުގެ އިތުރުން އެހެނިހެން އަންހެން މުވައްޒަފުންނަށް ގޭގައި މަސައްކަތްކުރުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އަދި އެމްޕީއެލްގެ މެނޭޖްމަންޓާއި ކުންފުނީގެ ކޮމިޓީތަކުގައި ވެސް އަންހެން މުވައްޒަފުންގެ ބައިވެރިވުން ބޮޑުކަން ފާހަގަކުރެވެއެވެ.

އެގޮތުން ހަތަރު ކޮމިޓީއެއްގެ ޗެއާޕާސަންކަމަށް އައްޔަން ކޮށްފައި ވަނީ އަންހެން ބޭފުޅުންނެވެ. އަދި ކުންފުނީގެ ބަޖެޓަކީ ޖެންޑާ ރެސްޕޮންސިވް ބަޖެޓަކަށް ހެދުމަށް އެ ކުންފުނިން މަސައްކަތްކުރެއެވެ. އެގޮތުން އަންހެން މުވައްޒަފުންގެ ޓްރެއިނިންތަކަށް ޚާއްޞަ ބަޖެޓެއް ކަނޑައަޅާފައިވެއެވެ. އަންހެން ބޭފުޅުން ފަންނީ ގޮތުން ކުރިއެރުވުމަށް އެ ކުންފުނީގެ ބަޖެޓުގައި އިސްކަންދީފައިވެއެވެ.

މީގެ އިތުރުން ޖެންޑާ މެއިންސްޓްރީމް ކުރުމަށްޓަކައި ކުންފުނީގެ ޕޮލިސީތަކާއި ގަވާއިދުތައް އެކުލަވާލައި، އެސިޔާސަތުތައް އެ ކުންފުނިން ދަނީ ތަންފީޒުކުރަމުންނެވެ. އަދި އަންހެން މުވައްޒަފުންނަށް ސޯޝަލް އަދި ކޮމިއުނިޓީ ފެންވަރުގެ ޕްރޮގްރާމްތަކުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު އެ ކުންފުނިން ފަހިކޮށްދީފައިވެއެވެ. އޮފީސްތަކުގެ މުބާރާތްތަކުގައި ފަންނީގޮތުން އަންހެން މުވައްޒަފުން ކުރިއެރުވުމަށް އެކި ހަރަކާތްތަކުގައި އަންހެން މުވައްޒަފުން ކުރިއެރުވުމަށް އެ ކުންފުނިން ޚާއްޞަ އަހަންމިއްޔަތުކަމެއްދެއެވެ.

އަންހެން ބޭފުޅުންނަށް ތަމްރީނާއި ތަޢުލީމުގެ ފުރުޞަތުތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން އިސްކަންދެއެވެ. އަދި މަސައްކަތު މާހައުލަކީ ވަކި ޖިންސަކަށް ނުބަލައި ހަމަހަމަކަންމަތީ މަސައްކަތްކުރެވޭނެ މާހައުލަކަށް ހެދުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް