އުންމީދަކީ މެޗުން މޮޅުވެ ތަށި ލިބުން: ކޯޗް ޢަލީ ޒާހިރު

މުބާރާތުގައި ވާދަކުރާ ބިލެއްދޫ ޓީމް -- ފޮޓޯ / ބިލެއްދޫ ކައުންސިލް

އުންމީދަކީ ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި މާދަމާ މަގޫދޫ ޒުވާނުންގެ ކުލަބް (އެމްޒެޑްސީ)އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ މުބާރާތުގެ ތަށި އުފުލާލުން ކަމަށް ބިލެއްދޫ ރައިސިން ސްޓާ (ބީއާރުއެސް)ގެ ކޯޗު ޢަލީ ޒާހިރު ބުނެފިއެވެ.

ފައިނަލްގެ ކުރިން "ސަން"އާ ވާހަކަ ދައްކަމުން އަލީ ޒާހިރު ބުނީ އެ ޓީމުން މުބާރާތުގައި ބައިވެރިވުމުގެ މަގުސަދަކީ ވެސް ތަށި ހޯދުން ކަމުގައެވެ.

"މުބާރާތުގައި ބައިވެރިިވުމުގެ ޓާގެޓަކީވެސް އަދި އުންމީދަކީ ވެސް އިރާދަކުރެއްވިއްޔާ މުބާރާތުގެ ތަށި ހޯދުން. އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގައި ކުރިއަށް މިދަނީ،" ޢަލީ ޒާހިރު ބުންޏެވެ.

މީގެ އިތުރުން އަލީ ބުނީ ދެ ޓީމަކީ ވެސް ވާދަވެރި، އެއް ބަޔަކު އަނެއް ބަޔަކު ދޫނުކުރާ ވަރުގެ ދެ ޓީމު ކަމަށެވެ.

"ދެ ޓީމަކީ ވެސް ހަމަ ވާދަވެރި ، އެއް ބަޔަކު އަނެއް ބަޔަކު ދޫނުކުރާ ވަރުގެ ވާދަވެރި ކުޅުންތެރިންތަކެއް ތިބި ދެ ޓީމު. އެއްވެސް ޓީމަކަށް ސީދާ ސެޓުތައް ދާނެ ގޮތެއް ނޫނީ މެޗު ދާނެ ގޮތެއް ބުނެދެވޭ ވަރަށްވުރެ ހަމަ ވާދަވެރި ދެ ޓީމު. ކުރީ ދުވަހުގެ މެޗަށް ވުރެ ފައިނަލް މެޗު ފުރިހަމަ ވެގެންދާނެކަމަށް އުންމީދުކުރަނީ؛" ރާއްޖޭގެ ލެވެލްގައި ވެސް ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗު ޢަލީ ބުންޏެވެެ.

މުބާރާތުގައި ވާދަކުރާ ބިލެއްދޫ ޓީމް -- ފޮޓޯ / ބިލެއްދޫ ކައުންސިލް

ކޯޗު ފާހަގަކުރި ގޮތުގައި ބިލެއްދޫގެ ޓީމަކީ މުބާރާތުގައި ވެސް ޕްރެކްޓިސް ލެވެލް އެންމެ ދަށް ޓީމެވެ. އެއީ އެ ޓީމުގައި ފީއަލީގެ ކުޅުންތެރިންނާ ބިލެއްދޫގެ ކުޅުންތެރިން ހިމެނުމާއި، ކުުޅުންތެރިން ދެ ރަށެއްގައި ތިބެން ޖެހުން ކަމަށް ކޯޗު ފާހަގަކުރިއެވެ. އަދި ޓީމުގެ ހުރިހާ ކުޅުންތެރިން އެއްފަހަރާ ބައިވެރިވެގެން ގެންދެވުނީ އެންމެ ތިން ޕްރެކްޓިސްކަމަށް ކޯޗު ބުންޏެެވެ.

އެންމެ ފަހު ބަހެއްގެ ގޮތުން އޭނާ ބުނެފައިވަނީ ކޯޗެއްގެ ހައިސިއްޔަތުން ހުރިހާ ކުޅުންތެރިންނަށް ވެސް ފުރިހަމައަށް އިތުބާރުކުރާ ކަމަށެވެ. ކޮންމެ ކުޅުންތެރިއެއް ވެސް އެކުޅުންތެެރިއެއްގެ އެންމެ ފުރިހަމަ މަސައްކަތް ދައްކާނެ ކަމުގެ ޔަގީންކަަން އޮތް ކަމަށެވެ.

މީގެ އިތުރުން ބިލެއްދޫ ޓީމުގެ ކެޕްޓަން އަޒްހީން އަބްދުލް ހައްޔު ބުނީ ކެޕްޓަނެއްގެ ހައިސިއްޔަތުން މުޅި ޓީމަށް އިތުބާރުކުރާ ކަމަށާއި، އަމާޒަކީ ރަށަށް ރީތި ނަމެއް ހޯދައިދިނުންކަމަށެވެ.

"ޓީމާދެތެރޭ ވަރަށް ބޮޑު އިތުބާރެއް އެބަ އޮތް. ފައިނަލަށް ހަމަ ވަރަށް ފުރިހަމައަށް ތައްޔާރަށް މިތިބީ. ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗަކުން މޮޅުވެފައި އޮތުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ހުރިހާ ކުޅުންތެރިންގެ ވެސް ވިސްނުން ހުރީ ރަނގަޅު ގޭމެއް ކުޅެ، ރަނގަޅު ފައިޓެއްދީ އިރާދަކުރެއްވިއްޔާ ތަށި ހޯދުން. އަދި މި ރަށަށް ރީތި ނަމެއް ހޯދައިދިނުން،" އަޒްހީން ބުންޏެވެ.

ބިލެއްދޫ ޓީމުގައި ފީއައްޔަށް ނިސްބަތްވާ ދިހަ ކުޅުންތެރިޔަކު ހިމެނެއެވެ. އެއީ އެރަށުގެ ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން (ފެޒްގ)އަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި އެރަށުގެ ލެވެލްގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ހިމެެނެއެވެ.

މުބާރާތުގެ ފައިނަލް މެޗުގައި މާދަމާ މަގޫދޫއާ ދެކޮޅަށް ނިކުންނައިރު، ބިލެއްދޫން ފައިނަލަށް ދިޔައީ އެއް ވަނަ ޓީމުގެ ގޮތުގައެެވެ. ފަހު މެޗުގައި ބިލެއްދޫން ވަނީ ވާދަވެރި ކުޅުމަކަށްފަހު މަގޫދޫ އަތުން 3-2 އިން މޮޅުވެފައެވެ.

comment ކޮމެންޓް