މަގޫދޫ ޓީމަކީ މުބާރާތުގެ ފޭވަރިޓުންނެއް ނޫން: ކޯޗު ނަދީމް

މަގޫދޫ ޓީމުގެ ކޯޗު މުޙައްމަދު ނަދީމް -- ފޮޓޯ / އެމްޒެޑްސީ

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފިިރިހެން ޑިވިޝަންގެ ފައިނަލްގައި މާދަމާ ބިލެއްދޫ ރައިސިން ސްޓާ ސްޕޯޓް (ބީއާރުއެސް)އާ ދެކޮޅަށް ނިކުންނައިރު މަގޫދޫ ޒުވާނުންގެ ކުލަބް (އެމްޒެޑްސީ)އަކީ މުބާރާތުގެ ފޭވަރައިޓް ޓީމް ނޫންކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ނަދީމް (ނަދީމް ކޯޗް) ބުނެފިއެވެ.

ފައިނަލް މެޗުގެ ކުރިން "ސަން"އާ ވާހަކަދައްކަމުން ނަދީމް ކޯޗު ބުނީ މަގޫދޫ ޓީމަކީ މުބާރާތުގެ ފޭވަރައިޓުން ނޫންކަމަށާއި އެ ޓީމަށްވުރެ ވަރުގަދަ ޓީމުތައް މުބާރާތުގައި ކުޅުނު ކަމަށެވެ. ނަމަވެސް އެޓީމުގެ ކާމިޔާބަކީ ކުޅުންތެރިންގެ އެކުވެރިކަމާ، އެކުގައި ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް ކޯޗު ބުންޏެވެ.

"މަގޫދޫ ޓީމަކީ، ޚާއްސަކޮށް ފިރިހެން ޓީމަކީ މި މުބާރާތުގެ ފޭވަރައިޓް ޓީމެއް ނޫން. އެއަށްވުރެ ވަރުގަދަ ޓީމުތައް މި މުބާރާތުގައި އެބަ ކުޅޭ. ދެ ޓީމެއްވަރު އަޅުގަނޑަށް ފާހަގަވި. ނަމަވެސް މަގޫދޫ ޓީމުގެ ކާމިޔާބަކީ ކުޅުންތެރިންގެ އެކުވެރިކަމާއި ކުރި ބުރަ މަސައްކަތް. އެއީ މަގޫދޫ ޓީމުގެ ސްޓްރެންތަކީ،" ކޯޗު ނަދީމް ބުންޏެވެ.

މީގެ އިތުރުން ނަދީން ކޯޗު ބުނެފައިވަނީ ފައިނަލް މެޗާ ހަމައަށް އައި އިރު ޓީމު އޮތީ ވަރަށް ރަނގަޅު ރޫޙެއްގައިކަށާއި ވަރުގަދަ އަޒުމެއްގައި ކަމަށެވެ. އަދި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް ކޯޗު އިތުބާރު ކުރާކަމަށް އޭނާ ބުންޏެވެ.

އެހެންޓީމުތަކާ އަޅާބަލާއިރު މާ މޮޅެތި ކުޅުންތެރިން ޓީމުގައި ނެތް ނަމަވެސް، އެ ކުޅުންތެރިޔަކަށް ހަވާލު ކުރާ މަސައްކަތް ވަރަށް ރަނގަޅަށް ހާސިލްކުރާ ކަމަށް ވެސް ކޯޗު ބުންޏެެވެ.

"މިސާލަށް ވަރަށް މޮޅަށް ސޮޓް ނުޖެހޭ ކުއްޖެއްވިއްޔާ ދެން އެ ކުއްޖާއަށް ހަވާލުކުރާ ޓާސްކު ވަރަށް ރަނގަޅަށް ނިންމާ. އެއީ އަޅުގަނޑަށް ކުޅުންތެރިންނާ މެދު އޮތް ހިތްހަމަ ޖެހުމަކީ ވެސް އަދި ޓީމާމެދު އޮތް އިތުބާރަކީވެސް،" ވޮލީގައި މުޅި ރާއްޖެއަށް ވެސް މަޝްހޫރު ކޯޗު ނަދީމް ބުންޏެއެވެ.

ސަންއާ ވާހަކަ ދައްކަމުން މަގޫދޫ ޓީމުގެ ކެޕްޓަން ޔޫޝައު ޙަސަން ބުނީ މުޅި ޓީމުގެ ވެސް އުންމީދަކީ މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ ތަށި ހޯދުންކަމެވެ.

"އުންމީދަކީ މުބާރާތުގައި މިހާތަނަށް މި ޓީމުން ދެއްކޭނެ އެންމެ މޮޅު ކުޅުމެއް ދައްކައި މެޗުން މޮޅުވުން،" ޔޫޝައު ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ޓީމް އޮތީ ހުރިހާ ގޮތަކުން ވެސް ފައިނަލް މެޗަށް ތައްޔާރަށް ކަމަށެވެ.

މަގޫދޫ ޓީމުގެ ކެޕްޓަން ޔޫޝައު ޙަސަން -- ފޮޓޯ / އެމްޒެޑްސީ

"ރަނގަޅު ޕްރެކްޓިސްއަކާއެކު އިދިކޮޅު ޓީމްގެ ގޭމް ރީޑް ކޮށްގެން ހުރިހާ ކުޅުންތެރިން ވެސް މެންޓަލީ ފިޓްވެގެން މެޗަށް ރެޑީގައި މިތިބީ. ހުރިހާ ވެސް ޓާގެޓަކީ މޮޅު ކުޅުމަކާއެކު މޮޅުވުން. އިންޝާ ﷲ،" ދެ މެޗެއްގެ މޮޅު ކުޅުންތެރިޔާކަން ވެސް ހޯދާފައިވާ ޔޫޝައު ބުންޏެވެ.

މުބާރާތުގެ ފައިނަލް މެޗުގައި މާދަމާ ބިލެއްދުއާ ދެކޮޅަށް ނިކުންނައިރު، މަގޫދޫން ފައިނަލަށް ދިޔައީ ދެ ވަނަ ޓީމުގެ ގޮތުގައެެވެ. ފަހު މެޗުގައި މަގޫދޫ ބިލެއްދޫ އަތުން ބަލިވެފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ.

comment ކޮމެންޓް