ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާ ގުޅޭ ގިނަ ކަންބޮޑުވުންތަކަކާއި އެކު އެޗްއާރުސީއެމުން ޖެންޑާ މިނިސްޓްރީއާ ބައްދަލުކޮށްފިއެވެ.
އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ފަރާތުން މިމަހުގެ ހަޔަކުން އަށަކަށް އެ މަރުކަޒަށް ކުރި ދަތުރުގައި ފާހަގަވި ކަންކަން އެ ބައްދަލުވުމުގައި ހިއްސާކުރި ކަމަށެވެ.
އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މަރުކަޒުގައި ތިބި މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރި ދަތިތަކެވެ.
އެގޮތުން، 2013ވަނަ އަހަރު އެ ކޮމިޝަނުން މަރުކަޒަށް ކުރި ޒިޔާރަތަށް ފަހު، އެތަނުގައި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ޑޮކްޓަރެއް ނުވަތަ ނަރުހެއް ނެތްކަން ފާހަގަކުރި ނަމަވެސް، މިއަދާ ހަމައަށް ވެސް އެކަމުގައި ދާއިމީ ހައްލެއް ލިބިފައި ނުވާކަން އެ ކޮމިޝަނުން ފާހަގަކުރެއެވެ.
މީގެ އިތުރުން އެ މަރުކަޒު ހިންގުމުގައި އަމަލު ކުރާނެ ވަކި އުސޫލެއް ލިޔެވިފައި ނެތުމާއި، ވޯޑުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސީސީޓީވީ ކެމެރާ ހަރުކުރެވިފައި ނުވާކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެކަށީގެންވާ ވަރަށް ތަމްރީނުވެގެން ތިބި ބައެއް ނޫން ކަމަށާއި، އަދި ފަރުވާ ހޯދާ މީހުންގެ އަދަދާ އަޅާބަލާއިރު ތަނުގެ މުވައްޒަފުންގެ އަދަދު ވެސް މަދު ކަމަށެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އެކި ކަހަލަ ނުކުޅެދުންތެރިކަން ތަހައްމަލު ކުރަމުންދާ މީހުންނާއި، އަޅާލާނެ މީހަކު ނެތިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުން ތިބެއެވެ.