ކޮމަންވެލްތު ކޮލިފައިން: ރާއްޖެއިން ރިހި މެޑަލް ހޯދައިފި

ކޮމަންވެލްތު ބީޗްވޮލީބޯޅަ ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ ޓީމު -- ފޮޓޯ / ވީއޭއެމް

ސްރީ ލަންކާގައި ރޭ ނިމުނު ކޮމަންވެލްތު ބީޗްވޮލީބޯޅަ ކޮލިފައިންގައި ރާއްޖޭން ރިހި މެޑަލް ހޯދައިފިއެވެ.

ރާއްޖެއިން ވާދަކުރި އިސްމާޢީލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއެވެ. ޗެމްޕިއަންކަން ނުލިބުމުން ރާއްޖޭގެ ޕެއާ ކޮމަންވެލްތަށް ކޮލިފައިނުވެއެވެ.

ސްރީ ލަންކާ، މެލޭޝިއާ، ސިންގަޕޫރު އަދި ރާއްޖެ ކުޅުނު ކޮމަންވެލްތު ކޮލިފައިން ބޭއްވީ ނިގަމްބޯގައެވެ. ފައިނަލުގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ބަލިވީ ލަންކާގެ އަޝެން އާއި މަލިންތާގެ ޕެއާ އަތުން 21-13، 21-13 އިންނެވެ.

މިއީ ގައުމީ ޓީމުގެ ކޯޗުކަމާ ބްރެޒިލް ގެވިނީޝިއުސް މާޓިން ހަވާލުވިފަހުން ކުޅުނު ދެ ވަނަ މުބާރާތެވެ.

ލަންކާ މުބާރާތުގެ ފުރަތަމަ މެޗުގައި އެޑަމް އާއި ކުޑަކާއްޓޭ ފުރަތަމަ މެޗުން ބަލިވީ ލަންކާގެ ޕެއާ އަޝެން އާއި މަލިންތާގެ ޕެއާ އަތުންނެވެ. އެއީ 21-18 އާއި 21-15 އިންނެވެ. ދެ ވަނަ މެޗުގައި ސިންގަޕޫރުގެ ޒިހާއޯ އާއި ރޭމެންގްގެ ޕެއާ އަތުން 21-12، 21-08 އިން ވަނީ މޮޅިވެފައެވެ.

ޖުމްލަ ރޭންކިން އަށް ބަލާއިރު، ރާއްޖެ، ސިންގަޕޫރު އަދި މެލޭޝިއާ އޮތީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. ސްކޯ ޕޮއިންޓް ތާވަލުގެ ރޭންކިންއަށް ބަލައިގެން ފައިނަލުގެ ޖާގަ ލިބުނީ އެޑަމް އާއި ކުޑަކާއްޓެއަށެވެ.

ކޯޗު ވިނީޝިއުސްއާއެކު ޓްރެއިނިން ހަދަމުން އަންނަ އަނެއް ޕެއާ އަކީ ރާއްޖޭގެ ގައުމީ ޗެމްޕިއަން ކަމަށްވާ، އަޙުމަދު މުޙައްމަދު (ކޯކޭ) އާއި މުޙައްމަދު ޢަލީ (ޑެންޒޯ)ގެ ޕެއާއެވެ.

comment ކޮމެންޓް