ރައީސް ޔާމީނުގެ ރައްދު ރައީސް ނަޝީދަށް: މިއުޅެނީ ސަމާސާކުރާކަށް ނޫން

ކުރެންދޫގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ޕީޕީއެމް

ޅ .ކުރެންދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެރަށާއި ގުޅުވައިގެން، އެރަށާ އިންވެގެން އޮންނަ ކަނޑުގައި 1000 ގޯތި އިމާރާތް ކުރެވޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ރައްދުދެއްވައިފިއެވެ.

ކުރެންދޫގައި މިއަަދު ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި އެ ވާހަކައަށް އިޝާރާތް ކުރައްވާ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެކަހަލަ ސަމާސާ ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުން އެފަދަ ވާހަަކަތަކުގައި ނުޖެހުމަށް ވެސް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

"[ސަރުކާރަށް] ދަންނަވާލަން އޮތީ ލިބިފައި ހުރި ވަސީލަތަކުން ތަރައްގީ ކުރައްވާށޭ. އަދި ނުޖެހޭ މާދުރަށް ދާކަށް. އެކަމަކު ތަރައްގީ ކުރުމުގެ އެއްވެސް ކަހަލަ ތަޖުރިބާއެއް ނުވަތަ އެއްވެސް ކަހަލަ ސާބިތު ހިފޭ ކަހަލަ ކަމެއް ފެންނަން ނެތް އިރުގައި، އަޅުގަނޑު ދަންނަވާލަން އޮތީ ރައްޔިތުން ވެސް އެ ވާހަކަތަކުގައި ޖެހިވަޑައި ނުގަންނަވާށޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށާއި، ޒަމާނުއްސުރެ ދިވެހިން ހިފަހައްޓަމުން އައި އުސޫލުތަކާ ގޮތްތަކަށް ސަރުކާރުން ތަބާވަމުން ނުދާ ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ.

ކުރެންދޫގައި ޕީޕީއެމުން ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ/ ޕީޕީއެމް

މީގެ އިތުރުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ ރާއްޖޭގެ އިސްތިގުލާލަށް އޮތް ނުރައްކަލެއް ކަމުގައި ވިދާޅުވާ ވިދާޅުވުން ވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.

ކުރެންދޫ ބޭރުން ކަނޑުގައި ގެއެޅުމުގެ ވާހަކަ ރައީސް ނަޝީދު ރޭ ވިދާޅުވީ އެރަށުގައި އެމްޑީޕީން ބޭއްވި ކެމްޕޭނު ޖަލްސާއެއްގައެވެ.

"މާލެ އަތޮޅުގައި އެބަ ހަދާ ފްލޯޓިން ސިޓީއެއް. ނެދަލޭންޑްސް ބައެއް ކުރާ މަސައްކަތެއް [އެއީ]. އަޅުގަނޑު މިދެންނެވި ކުންފުނީގައި ބުނިން ކުރެންދޫ ބޭރުގައި ދިރިއުޅެވިދާނެހޭ މާކަނޑުގައި. އޭނާ އެބައޮތް ދެލިކޮޕީ ކުރެހުމެއް ފޮނުވާފަ ކުރެންދޫ ބޭރުގައި އެއްހާސް ގޯތި އަދި ދެވިދާނެ ކަމަށް ބުނެ," އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ޕްރޮޖެކްޓަކީ އަދި ފަށަން ނިންމާފައިވާ މަޝްރޫއެއް ނޫން ކަމަށާއި، ނަމަވެސް އެ އުންމީދު އެބައޮތް ކަމަށެވެ.

ރައީސް ނަޝީދާއި ރައީސް ޔާމީން ވެސް ކުރެންދޫއަށް ވަޑައިގަތީ އެރަށުގެ ކައުންސިލުގެ ރައީސްގެ މަގާމުގެ ބައި އިލެކްޝަނުގެ ކެމްޕޭނަށެވެ. މިމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ޢަލީ ނަސީމެވެ. އަދި، ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ އިސްމާޢީލް މަދީހުއެވެ.

އެ ރަށުގެ ކައުންސިލުގެ ރައީސްގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ސިމާއު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

comment ކޮމެންޓް