ފިރިހެން ފައިނަލްގެ ފުރަތަމަ ޖާގަ އެފްއެޗްއެސް ބަލިކޮށް ފެސްޓަށް

ފެސްޓާއި އެފްއެޗްއެސް ބައްދަލު ކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީ ބޯޅަ މުބާރާތުގައި މިރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ފެކަލްޓީ އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު)އިން ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފްއެޗްއެސް)ގެ މައްޗަށް ކުރިހޯދައި ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

އެމްއެންޔޫ ޕީއީ ހޯލުގައި ކުޅުނު އެ މެޗު ފެސްޓުން އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

ފެސްޓާއި އެފްއެޗްއެސް ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓު ފެސްޓު ގެންދިޔައީ 25-10އިންނެވެ. އަދި ދެވަނަ ސެޓު އެ ޓީމުން ގެންދިޔައީ 25-13ގެ ނަތިޖާއަކުންނެވެ. އެ މެޗުގެ ތިން ވަނަ ސެޓު ފެސްޓުން ކާމިޔާބުކުރީ 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެެރިއަކަށް ހޮވުނީ އެ ޓީމުގެ ޖާޒީ ނަންބަރު 9، އުމަރު ފާރޫޤުއެވެ.

ފެސްޓާއި އެފްއެޗްއެސް ބައްދަލު ކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެ މަޗަށް ފަހު ފެސްޓުގެ ކޯޗު ހުސެއިން އަގްލީން "ސަން"އަށް ބުނީ އެ ޓީމުގެ ކުޅުންތެރިން އޭނާގެ ބަސް އަހައި ކުޅުންތެރިންގެ އެންމެ ފުރިހަމަ ކުޅުން މެޗުގައި ދެއްކި ކަމަށެވެ.

މީގެ އިތުރުން އަގްލީން ބުނީ ޓީމުގެ ކުޅުންތެރިން މުބާރާތުގައި ދައްކާ ހިތްވަރަށް ޝުކުރު ހައްޤު ކަމަށެވެ.ޓީމާއެކު ޕްރެކްޓިސްކޮށްލަން ލިބުނީ ހަތަރު ދުވަސް ކަމަށާއި އެ ޕްރެޓިސްތަކަށް ބާލައިފައި ކުޅުންތެރިންގެ ކުޅުން މާބޮޑަށް ވެސް ރަނގަޅުކަމަށް އޭނާ ފާހަގަކުރިއެވެ.

"ފައިނަލްގައި އަޅުގަނޑުމެންނަށް ދެއްކެން އޮތް އެންމެ މޮޅު ކުޅުން ދެއްކުން އެއީ އުންމީދަކީ. ފައިންލަގައި އިރާދަކުރެއްވިއްޔާ ރަނގަޅު ފައިޓެއް ދެވޭނެ" އަގްލީން ބުންޏެވެ.

އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

މި އަހަރު މި ބޭއްވޭ އަށް ވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މިއަހަރު އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.

comment ކޮމެންޓް