މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގަައި ބައިވެރިވުމަށް ފުޓުބޯޅަ ލެޖެންޑު ރޮބާޓޯ ކާލޮސް، މިޝޭލް ސަލްގާޑޯ، އެޑްގާ ޑޭވިޑްސް އަދި މަޝްހޫރު ކުޅިވަރު ޖާނަލިސްޓް ފެބްރިޒިއޯ ރޮމާނޯ ރާއްޖެ އަތުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި މީހުންނަށް މަރުޙަބާ ދެންނެވީ ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފެވެ.
މީގެ ތެރެއިން އުމުރުން 48 އަހަރުގެ ކާލޮސް ވަނީ އޭނާގެ ކެރިއަރުގައި ތަފާތު އަށް ކުލަބަކަށް ކުޅެފައެވެ. އޭގެ ތެރޭގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި އިޓަލީގެ އިންޓަ މިލާން ހިމެނެއެވެ.
ފްރީ ކިކް ޖެހުމުގައި އެފަދަ ދެވަނައެއް ނެތް ކާލޮސް ވަނީ ބްރެޒިލްއާއެކު ފީފާ ވޯލްޑް ކަޕްފެ ތަށި އުފުލާލާފައެވެ. އަދި އޭނާ ވަނީ ފީފާ ކޮންފަޑަރޭޝަން ކަޕްގެ އިތުރުން ޔުއޭފާ ޗެމްޕިއަންސް ލީގު، ޔުއޭފާ ސުޕަ ކަޕް އަދި ކޮޕާ އެމެރިކާވެސް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ 2002 ވަނަ އަހަރުގެ ބެލެންޑިއޯ އެވޯޑުން ދެވަނަ ހޯދާފައެވެ. ކާލޮސް ވަނީ ފީފާ 100، ފިފާ ވޯލްޑް ޕެލެއާ އޮފް ދަ އިޔާ - ސިލްވާ 1997 ވަނަ އަހަރު ހޯދާފައެވެ. އަދި 2008 ވަނަ އަހަރުގެ ގޯލްޑަން ފޫޓު ވެސް ހޯދާފައިވެއެވެ. ކާލޮސް އަކީ ދުނިޔޭގެ ފުޓުބޯޅައިގެން އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ.
ސަލްގާޑޯ ވަނީ ރެއާލްއާއެކު ޔުއޭފާ ޗެމްޕިއަންސް ލީގު ދެ ފަހަރަކު ކާމިޔާބުކޮށްފައެވެ. އަދި ޔުއޭފާ ސުޕާ ކަޕް އެއް ފަހަރު ކާމިޔާބުކޮށް، ހަތަރު ފަހަރެއްގެ މަތިން ރެއާލްއާއެކު އޭނާ ވަނީ ލަލީގާ ވެސް ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން އޭނާ ވަނީ އެ ޓީމާއެކު ތިން ފަހަރެއްގެ މަތިން ސްޕެނިޝް ސުޕާ ކަޕް ވެސް ކާމިޔާބުކޮށް، އިންޓަކޮންޓިނެންޓަލް ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.
ހަމައެއާއެކު، ސަލްގާޑޯ އަކީ ފީފާގެ ލެޖެންޑްސް އެމްބެސަޑަރެއްގެ އިތުރުން އެޑިޑާސްގެ ވެސް އެމްބެސެޑާއެކެވެ.
ތިން ވަނައަށް އަައި ލެޖެންޑް އެޑްގާއަކީ އަޖެކްސް، ޖުވެންޓަސް، އިންޓަ މިލާންގެ އިތުރުން ބާސެލޯނާއަށް ކުޅެފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.
އޭނާ ވަނީ ޔުއޭފާ ޗެމްޕިއަންސް ލީގު، ޔުއޭފާ ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. އަދި ފީފާ 100 ގެ އިތުރުން ފީފާ ވޯލްޑް ކަޕްގެ އޯލް ސްޓާ ޓީމްގައި
އޭނާ ހިމެނިފައިވެއެވެ.
އިޓަލީގެ ރޮމާނޯއަކީ މުޅި ދުނިޔޭގެ ފުޓުބޯޅައިގަވެސް އެންމެ އިތުބާރު ހިފޭ އެއް ނޫސްވެރިޔާއެވެ. ގިނަ މީޑިއާތަކުން ޚަބަރެއްގެ ސައްހަކަން ކަށަވަރުކުރަން ބޭނުންކުރާ ވަސީލަތަކީ ފަބްރީޒިއޯ ރޮމާނޯގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. ރޮމާނޯ މަސައްކަތްކުރަމުން އަންނަނީ ސްކައިސްޕޯޓްސް އިޓާލިއާގައެވެ.
މި އެވޯޑު ހަފްލާ މިރޭ އޮންނައިރު، އެތަކެއް ކުޅިވަރުގެ ލެޖެންޑުން މިހާރު ވަނީ ރާއްޖެ
އައިސްފައެވެ.