ސިނަމާލެ ބްރިޖު ކައިރިއަށް ތަކުރާރުކޮށް ވެލާ އަރަމުން އަންނާތީ އެ ސަރަހައްދު ވެލައަށް ރައްކާތެރިކަން ލިބޭގޮތަށް ހިމާޔަތް ކުރުމާމެދު މަޝްވަރާ ކުރުމަށް ވިސްނަމުން އަންނަ ކަމަށް، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފިއެވެ.
އުސްފަސްގަނޑާއި ބްރިޖާ ދެމެދު އޮންނަ ކުޑަ ވެލިގަނޑަށް ރޭ ވެސް ވެލައެއް އަރައި ވަނީ ބިސް އަޅައިފައެވެ. މީގެ މަހެއްހާ ދުވަސް ކުރިން ވެސް އެ ސަރަހައްދަށް ވެލައެއް އެރިއެވެ.
އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް މިއަދު "ސަން" އަށް ވިދާޅުވީ ބޮޑަށް ލަފާ ކުރެވޭ ގޮތުގައި ބިސް އަޅަން އެ އަރާ ވެލައަކީ މާލެއަށް އުފަން ވެފައިވާ އެއްޗެކެވެ. އާއްމުކޮށް ވެލާ ބިސް އަޅަން އަރަނީ އުފަންވި ސަރަހައްދަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ އެ ސަރަހައްދު ހިމާޔަތް ކުރުމާމެދު މާލޭ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާއެކު މަޝްވަރާ ކުރަން ވިސްނަމުން އަންނަ ކަމަށް ނައީމް ވިދާޅުވިއެވެ.

މާލެއަށް އެރި ވެލާ ބިސްއެޅި ސަރަހައްދު --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން
"އެތަންކޮޅަކީ ބިސް އަޅަން އެކަށީގެންވާ ތަނަކަށް ވުރެން ކުޑަ ތަންކޮޅެއް. ރާޅުޖަހާ ހަދާ. އެހެންވެ ހެދިދާނެ ގޮތަކާމެދު މަޝްވަރާ ކުރަން ވިސްނަމުން މިދަނީ،" ނައީމް ވިދާޅުވިއެވެ.
ރޭ މާލެއަށް އެރި ވެލާގެ ބިސްތައް ފީ ކުރަން މިހާރު ވަނީ ކުޑަހުރާއަށް ގެންގޮސްފައެވެ.
މާލެއަށް މިދިޔަ މަހު އެރި ވެލާ ފުލުހުން ވަނީ އުފުލާލައިގެން ގެންގޮސް ބާލައިފައެވެ. ނަމަވެސް ރޭ އެރި ވެލާ ބިސް އެޅުމުގެ ފުރުސަތު ފުލުހުންގެ ހިމާޔަތުގައި ދިނެވެ.