ވޭތުވެދިޔަ އަހަރު ކޮރަޕްޝަންގެ 22 މައްސަލައެއް ޕީޖީއަށް, ދައުލަތަށް ލިބެންޖެހޭ 2.2 މިލިއަން ރުފިޔާ

އޭސީސީން މިދިޔަ އަހަރު ވަނީ 22 މައްސަލައެއް ޕީޖީ އަށް ފޮނުވާފައި - ސަން ފައިލް ފޮޓޯ

ނިމިގެންދިޔަ 2021 ވަނަ އަހަރު ކޮރަޕްޝަންގެ 22 މައްސަލައެއް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވިއިރު ދައުލަތަށް 2.2 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އޭސީސީއިން މިދިޔަ އަހަރުގެ އަހަރީ އާންމު ރިޕޯޓް އާންމުކޮށްފައިވާއިރު, އެ ކޮމިޝަނުން ވަނީ ކޮރަޕްޝަނާ ގުޅުންހުރި 782 މައްސަލައެއް ރަޖިސްޓްރީކޮށްފައެވެ.

ބަލަމުންދިޔަ މައްސަލަތަކުގެ ތެރެއިން 588 މައްސަލައެއްގެ ތަހުގީގު ނިންމާފައިވާއިރު 22 މައްސަލައެއް, ޝަރީއަތަށް ފޮނުވުމަށް ޕީޖީއަށް ވަނީ ހުށަހަޅާފައެވެ.

ވޭތުވެދިޔަ ފަސް އަހަރު ދުވަހަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ މިދިޔަ އަހަރު ކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.

ވޭތުވެދިޔަ އަހަރު ތެރޭގައި ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގައި ދައުލަތަށް އަނބުރާ ހޯދަންޖެހޭ 2,182,565.78 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެ ކަމަށް ވެސް އެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އަތޮޅު ތެރެއަށް ދަތުރުކޮށްގެން ތަޙުޤީޤު ހިންގަންޖެހޭ މައްސަލަތައް ހުއްޓިފައި އޮތްނަމަވެސް، 2021 ވަނަ އަހަރުގެ ފަހުކޮޅުގައި ފަސް އަތޮޅެއްގެ 48 ރަށަކަށް ދަތުރުކޮށް، ތަޙުޤީޤު ހިންގާފައިވެއެވެ.

މިދިޔަ އަހަރު ކުރި ޚާއްޞަ އަދި އެންމެ ކާމިޔާބު އެއް މަސައްކަތަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރެއްގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާނެ ސިޔާސަތެއް އެކުލަވާލައި އަމަލުކުރަން ފެށުން ކަމަށް އޭސީސީން ވަނީ ބުނެފައެވެ. މި ސިޔާސަތަކީ، ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށް ކޮރަޕްޝަނާ ދެކޮޅަށް ގައުމީ ފެންވަރެއްގައި މަސައްކަތްކުރެވޭނެފަދަ ސިޔާސަތުތަކެއް ހިމަނައިގެން އެކުލަވާލި ސިޔާސަތެކެވެ.

ދައުލަތުގެ ހިންގުމުގެ ދާއިރާގައި ކޮރަޕްޝަނަށް އޮތް ރިސްކު ދެނެގަތުމަށްޓަކައި މިދިޔަ އަހަރު އޭސީސީން ވަނީ ދިރާސާތަކެއްކޮށްފައެވެ. އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކަނޑައަޅާ ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހުރި ހިރާސްތައް ދެނެގެނެފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ދައުލަތުގެ މަޝްރޫއުތަކުގެ ގެއްލުމުގެ ބަދަލުދިނުމުގެ ނިޒާމަށް އަމާޒުކޮށްގެން ހުދު ކަރުދާހެއްވެސް ވަނީ އާންމުކޮށްފައެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން 2021 ވަނަ އަހަރުގައި ކޮމިޝަނަށް ތަފާތު ދާއިރާތަކުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ޤާނޫނީ ގޮތުން ހުރި ގޮންޖެހުންތަކާއި، ކޮވިޑް-19ގެ ސަބަބުން އަދި ތަޙުޤީޤުކުރުމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ތަޙުޤީޤުކުރުމުގެ ދާއިރާއިންވެސް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނުކަން ރިޕޯޓްގައި ވަނީ ބުނެފައެވެ.

މީގެއިތުރުން، ފަންނީ ގާބިލު މުވައްޒަފުން ބިނާކުރުމަށާއި އެފަދަ މުވައްޒަފުން ކޮމިޝަނުގައި ހިފެހެއްޓުމަށްޓަކައި ބަޖެޓުގެ ތެރެއިން ހުރި ގޮންޖެހުންތަކުގެ ސަބަބުން ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. މި ގޮންޖެހުންތަކާއެކުވެސް، 2021 ވަނަ އަހަރަކީ ފާހަގަކުރެވޭ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް