އޮބާމާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ، ވިދާޅުވީ ހާލުކޮޅު ރަނގަޅު ކަމަށް

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ -- ފޮޓޯ/ އޭޕީ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އިއްޔެ ޓުވިޓާ މެދުވެރިކޮށް އޮބާމާ ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވީ ކަރުތެރެ ސަކަރާތްވެފައި ހުންނަތާ ދުވަސްކޮޅެއް ފަހުން ކަމަށެވެ. އަދި ހާލުކޮޅު ރަނގަޅު ކަމަށާއި އަނބިކަނބަލުން މިޝޭލް ކޮވިޑަށް ނެގެޓިވްވެފައިވާކަން އޮބާމާ ފާހަގަކުރެއްވިއެވެ.

"ކޭސްތައް މަދުވަމުން ދިޔަ ނަމަވެސް، އެހެން މީހުންނަށް ބަލި ނުފެތުރުމަށާއި ބަލީގެ އަލާމާތްތައް ސީރިއަސްވުމުގެ ފުރުސަތު ނުދިނުމަށް ވެކްސިން ޖަހައި ބޫސްޓާ ވެސް ޖެހުމުގެ މުހިންމުކަން ހަނދާންކޮށްދެން،" އޮބާމާ ވިދާޅުވިއެވެ.

އޮބާމާއަކީ ކޮވިޑަށް ޕޮޒިޓިވްވި އެމެރިކާގެ ދެވަނަ ރައީސެވެ. އެގޮތުން އޮކްޓޯބަރު 2020ގައި، އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް ކޮވިޑް ޖެހުނެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އެގައުމުގެ 18 އަހަރުން މަތީގެ 75.2 ޕަސެންޓު މީހުން މިހާރު ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައެވެ. އަދި އޭގެ ތެރެއިން 47.7 ޕަސެންޓު މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފައެވެ.

އެމެރިކާގައި ކޮވިޑް ފެތުރޭ މިންވަރު މިހާރު ދަނީ ދަށްވަމުންނެވެ. އެގޮތުން ޖެނުއަރީ މަހުގެ މެދުތެރޭގައި ކޮންމެ ދުވަހަކު އެވަރެޖުކޮށް 800،000 ކޭސް ފެންނަމުން ދިޔަ ނަމަވެސް މިހާރު އެ އަދަދު ވަނީ 35،000އަށް ދަށްވެފައެވެ.

comment ކޮމެންޓް