ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދޭ އަގަށް ބަދަލު ނާންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްޓެލްކޯއަށް "ފްލެޓު ރޭޓެއްގައި" ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.
"ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ސްޓެލްކޯއިން ދޭ ކަރަންޓުގެ ޚިދުމަތުގެ އަގު ބޮޑު ނުކުރާނެ، ފްލެޓު ރޭޓެއްގައި ސްޓެލްކޯއަށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސައިދީފައި،" ޝަރީފް ވިދާޅުވިއެވެ.
ސްޓެލްކޯއިން އަންނަނީ މާލެ ސަރަހައްދުގެ އިތުރުން މާލެ ކައިރީގެ ބައެއް ރަށްރަށުގައި ވެސް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
ބައިނަލްއަޤްވާމީ ދަތުރުތައް ގިނަވާން ފެށުމާއެކު ތެލުގެ ޑިމާންޑު ބޮޑުވެ، އަގު މައްޗަށް ދާން ފެށިނަމަވެސް، ރަޝިއާއާއި ޔޫކްރޭނާ ދެމެދު ހަނގުރާމަ ފެށުމާއެކު، ތެލުގެ އަގުތައް ވަނީ ފާއިތުވި އަށް އަހަރު ދުވަހުގެ ތެރޭ ނުއުފުލޭ މިންވަރަކަށް އުފުލިފައެވެ.
އޭގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ވެސް ތެލުގެ އަގު ވަނީ ބޮޑުވެފައެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު، އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިިއްކާ އަގު 12.98 ރުފިޔާ އަށް އަދި ޑީސަލް ލީޓަރެއް ވިއްކާ އަގު 13.04 ރުފިޔާއަށް އިތުރުކުރިއެވެ.
އޭގެ ފަހުން މިދިޔަ ހުކުރު ދުވަހު އަނެއްކާ ވެސް ތެލުގެ އަގުތަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ޕެޓްރޯލް ލީޓަރެއްގެ އަގު 14.60 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 14.80 ރުފިޔާއަށް އިތުރުކޮށްފައެވެ.