އެމްއޭސީއެލްގެ ފްލެޓުތައް ނިންމައި، ހަވާލުކުރަން ތައްޔާރުވަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި އެމްއޭސީއެލްގެ ފްލެޓުތައް --- ފޮޓޯ/ އެމްއޭސީއެލް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްއޭސީއެލުން އިމާރާތް ކުރަމުންދާ ދެ ޓަވަރުގެ މަސައްކަތް މިހާރު ނިމެން ކައިރި ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްއޭސީއެލްއިން މިއަދު ބުނީ އެ ފްލެޓުތަކުގެ 99 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި، އަންނަ މަހުގެ ތެރޭގައި ތަޅުދަނޑިތައް ހަވާލު ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިހާރު ކުރިއަށް ގެންދަނީ ފްލެޓްތަކުގެ ފިނިޝިން އާއި، އެ ތަންތަން ހަވާލު ކުރުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި އެމްއޭސީއެލްގެ ފްލެޓުތައް --- ފޮޓޯ/ އެމްއޭސީއެލް

އެމްއޭސީއެލްއިން މިހާރު ދަނީ، ފްލެޓުތައް ލިބުނު ފަރާތްތަކަށް މައުލޫމާތު ދިނުމަށާއި، ފްލެޓުތައް ދައްކާލުމުގެ ގޮތުން ބައްދަލުވުންތަކެއް ބާއްވަމުންނެވެ.

އެމްއޭސީއެލްއިން ބުނީ ފްލެޓުތަކުގެ މަސައްކަތް ނިމުނު ކަމުގައި ވިޔަސް، ކަރަންޓާއި ފެނުގެ ޚިދުމަތްފަދަ، އަސާސީ ބައެއް ވަސީލަތްތައް ގާއިމުކުރުމުގައި ލަސްތަކެއް އުޅޭ ކަމަށެވެ.

ސާދަ ބުރީގެ މި ދެ ޓަވަރުގައި ޖުމްލަ 384 އެޕާޓްމަންޓް ހުރެއެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި، ދެ ކޮޓަރީގެ 240 އެޕާޓްމަންޓެވެ.

މިއީ ހިޔާ މަޝްރޫއުގެ ދަށުން ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްގެން ކުރި މަސައްކަތެކެވެ.

comment ކޮމެންޓް