14 އަހަރު ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރެއްވި އަނޫޝާ އެމްޑީއޭއާ ގުޅިވަޑައިގެންފި

އަނޫޝާ އެމްޑީއޭއަށް ސޮއިކުރެވުމަށް ފަހު އެ ޕާޓީގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދާ ފޯމު ހަވާލުކުރައްވަނީ ---

ސާދަ އަހަރު ތަޢުލީމީ ދާއިރާއަށް ޚިދުމަތްކޮށްދެއްވި އަނޫޝާ ޢަބްދުލް ލަތީފް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އާ މިއަދު ގުޅިވަޑައިގެންފިއެވެ.

އެމްޑީއޭއަށް ސޮއިކުރެއްވުމަށްފަހު އަނޫޝާ މިއަދު ވަނީ އެ ޕާޓީގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދާ ފޯމު ހަވާލުކުރައްވާފައެވެ.

އަލަށް ސިޔާސީ ދާއިރާއާ ގުޅިވަޑައިގަތް އަނޫޝާ ވިދާޅުވީ އެމްޑީއޭއަށް ސޮއިކުރަން ނިންމެވީ އެ ޕާޓީގެ ލީޑަރު ސިޔާމަކީ ރައްޔިތުންގެ އަޑުއަހާ، ރައްޔިތުން ގޮވައިގެން އެކުގައި ކުރިއަށްދެވޭނެ ފަދަ ޤާބިލުކަން ހުންނެވި ބޭފުޅެއްކަމުގައި އޭނާއަށް ގަބޫލުކުރެވޭތީކަމަށެވެ.

"އަޅުގަނޑު މި ޕާޓީއާ މި ގުޅުނީ ސިޔާސީ ކެރިއަރެއް ބިލްޑް ކުރަން އަދި ގައުމަށް ޚިދުމަތްކުރަން ބޭނުންވާތީ. ހުރިހާ ސިޔާސީ ލީޑަރުން އަޅުގަނޑު ދެކެފިން އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޕީ ސިޔާމް އެންމެ ރަނގަޅު ލީޑަރަކީ އެހެންވީމަ އެމްޑީއޭ މި ޚިޔާރުކުރީ،" އޭނާ ވިދާޅުވިއެވެ.

ބިޒްނަސް މެނޭޖްމަންޓުން މާސްޓާސް ހައްދަވައި ޕްރޮޖެކްޓް މެނޭޖްމަންޓުން ސްޕެޝަލައިޒްވެފައިވާ އަނޫޝާ އެޑިއުކޭޝަން މިނިސްޓްރީގެ އެކި ދާއިރާތަކުގައި 14 އަހަރުވަންދެން މަސައްކަތް ކުރެއްވިއެވެ.

އަނޫޝާ ވިދާޅުވީ އެމްޑީއޭގެ ކައުންސިލާ ގުޅިގެން ޕާޓީގެ ހަރަކާތްތައް ހިންގައި އެ ހަރަކާތްތަކުގައި އޭނާ ބައިވެރިވާނެކަމަށެވެ. އަދި އޭނާ ގަބޫލުކުރާގޮތުގައި ތަޢުލީމީ، ޤާބިލު، ނަޒާހަތްތެރި ޒުވާނުންނަށް ސިޔާސީ ދާއިރާއަށް ނުކުތުމަށް މަގުފަހިކޮށްދޭން ޖެހޭކަމަށާއި އެމްޑީއޭއިން އެ ފުރުސަތު ޒުވާނުންނަށް ހުޅުވާލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެނިއްޖެ ބައިވަރު ސިޔާސީ ޕާޓީތައް ފެއިލްވިތަން. އެއީ އެ ޕާޓީތަކުން ރައްޔިތުންނަށް ޚިދުމަތް ނުކޮށްދެވުނީމަ. އެކަމަކު އަޅުގަނޑޫ ގަބޫލު ކުރާ ގޮތުގަ ސިޔާމްގެ ވިޝަން އެބައޮތް،" އޭނާ ވިދާޅުވިއެވެ.

އަނުޝާގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމްޑީއޭއަށް ސޮއިކޮށްފައެވެ.

comment ކޮމެންޓް