މަނަދޫގައި 700 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަނީ

އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި އަފާމީ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަމީން މުޙައްމަދު -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ނ. މަނަދޫގައި 700 މީހުންނަށް އެއްފަހަރާ ތިބެވޭ ގޮތަށް މިސްކިތެއް ޢިމާރާތްކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފައި ވަނީ އަފާމީ މޯލްޑިވްސްއާއެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ އިރު، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. އަދި އަފާމީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމީން މުޙައްމަދެވެ.

އެއް ފަންގިފިލާއަށް ޢިމާރާތްކުރާ ގޮތަށް ހަމަޖެހިފައިވާ އެ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެއް އަހަރު ތެރޭ ނިންމާ ގޮތަށެވެ. އެ މަސައްކަތަށް ދައުލަތުން 15.7 މިލިއަން ރުފިޔާ ޚަރަދުކުރާނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މަނަދޫގައި އެ މިސްކިތް އަޅަން ނިންމީ އެ ރަށުގައި މިހާރު ހުރި މިސްކިތްތަކުގެ ޖާގަ ކުޑަވެފައިވާތީ އާއި އަލަށް އާބާދުވާ ހިސާބުގައި މިސްކިތެއް ނެތުމުގެ ސަބަބުން ކަމަށެވެ.

މިދިޔަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް ޢިމާރާތްކުރަން ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މިސްކިތުގައި އަންހެނުން ނަމާދު ކުރާނެ ޖާގަ އާއި ފާހާނާ އާއި ވުޟޫކުރަން ބޭނުން ކުރާނެ ތަނަކާއި ގުދަނަކާއި މުންނާރެއް ވެސް ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް