އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޓީސީ ސްޕޯޓްސް ކުލަބުން ލީގު ތާވަލްގެ ފަސް ވަަނައަށް ޖެހިލައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު ޓީސީން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗަށް ނިކުތްއިރު ގްރީން އޮތީ ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ލީގު ތާވަލްގެ ފަސް ވަނައިގައެވެ. ޓީސީ އޮތީ ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު ހަތް ވަނައިގައެވެ. މެޗުން މޮޅުވެ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ގްރީންއަށް އޮތެވެ. ޓީސީއަށް މެޗުން މޮޅުވެ ފަސް ވަނައަށް ޖެހިލުމަށް ފުރުސަތު އޮތެވެ.
މެޗު ފަށައިގެން ދެ ޓީމުން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެެއް އުފެއްދުމަށް މަސައްކަތްކޮށްފައެވެ. ޓީސީ އިން ދިޔައީ އެޓޭކްތަކުގައި ގްރީންގެ ޑިފެންސަށް ބާރުބޮޑުކުރަމުންނެވެ.
ޓީސީއިން މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޓީސީއަށް ލިބުނު ޕެނަލްޓީއެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ބިދޭސީ ކުޅުންތެރިޔާ އޮމަރު ހައްސާމް ޞަލާޙު ސައީދެވެ.
މެޗުގެ 32 ވަނަ މިނެޓުގައި ޓީސީގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާ ގުޅިގެން އެ ޓީމަށް ވަނީ ހިލޭ ޖެހުމެއް ލިބިފައެވެ. ހިލޭ ޖެހުމުގައި ޓީސީގެ ކުޅުންތެރިޔަކު ފޮނުވާލި ބޯޅަ ގްރީންގެ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.
މެޗުގެ 34 ވަނަ މިނެޓުގައި ގްރީންއަށް ވަނީ އެ ޓީމުގެ ދެ ވަނަ ކޯނަރު ލިބިފައެވެ. ކޯނަރުގައި ނަގައިދިން ބޯޅައިން އެ ޓީމަށް މާ ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
ފުރަތަމަ ހާފު ނިމުނީ 1-0 އިން ޓީސީން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ގްރީން އިން މަސައްކަތްކުރީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށެވެ. ޓީސީއިން އެޓޭކަށް ޖެހި ހަމަލާތަކެއް އުފެއްދި ނަމަވެސް، އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެެއެވެ.
ގިނަ ފައުލުތަކެއް ފެނުނު މި މެޗުގައި ރެފްރީގެ ނިންމުމާމެދު ދެ ޓީމުގެ ކުޅުންތެރިންވެސް ވަނީ ވަރަށް ބޮޑަށް ޝަކުވާ ކޮށްފައެވެ. އަދި ދެ ޓީމުގެ ބެންޗުންވެސް ވަނީ ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
މިރޭގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޓީސީން ވަނީ ލީގު ތާވަލްގެ ފަސް ވަނައަށް ޖެހިލައިފައެވެ. އެއީ ފަސް މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ގްރީން އޮތީ ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ހަ ވަނައިގައެވެ.
ލީގު ތާވަލްގެ އެއް ވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ ހަތަރު މެޗުން 12 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނަގައި އޮތް ވެލެންސިއާއަށް ވެސް ލިބުނީ 12 ޕޮއިންޓެވެ. އެއީ މާޒިޔާއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ތާވަލްގެ ތިން ވަނައިގައި ޔޫވީ އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެ އީގަލްސް އަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
ލީގުގައި މާދަމާ ހަވީރު މާޒިޔާ ނިކުންނާނީ ޔޫވީއާ ދެކޮޅަށެވެ. މާދަމާ ރޭގެ މެޗުގައި އީގަލްސް ނިކުންނާނީ ދަ ގްރާންޑޭއާ ދެކޮޅަށެވެ.