ހަރުކަށި ފިކުރުގެ ފަރާތްތަކުން ޖަލުތަކުން ޤައިދީން ރެކްރޫޓް ކުރާ މައްސަލައިގައި ހުށިޔާރުވާން ޖެހޭ: ސީޕީ

ކަމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު -- ފޮޓޯ/ ކަރެކްޝަލް ސާވިސް

ހަރުކަށި ފިކުރުގެ ފަރާތްތަކުން ޖަލުތަކުން މީހުން ރެކްރޫޓް ކުރަމުން އަންނަ މައްސަލައިގައި ޖަލުގެ އޮފިސަރުން ހުށިޔާރުވާންޖެހޭ ކަމަށް ކަމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ ކަރެކްޝަން އިން ޕްރިޒަން އޮފިސަރުންނަށް ހިންގި "ޕްރިންސިޕަލްސް އެންޑް ކޮންސެޕްޓްސް އޮފް ކައުންޓަރިން ވަޔަލަންޓް އެކްސްޓްރީމިސްމް އެންޑް ހައި ސެކިއުރިޓީ ޕްރިޒަން އޮޕަރޭޝަންސް" ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތު މިއަދު ބޭއްވީ މާފުށީ ޖަލުގައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރަމުން އަންނަކަމީ މުޅި ދުނިޔެއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އަދި އެހާމެ ގޮންޖެހުން ބޮޑު މައްސައެއް ކަމަށެވެ.

ޓްރޭނިން ޕްރޮގްރާމްގެ ބައިވެރިންނަށް މުޚާތަބު ކުރައްވައި އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ ޖަލުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ޓަކައި ފަރުދީ ޒިންމާ އަދާކޮށް، އަދި މަސައްކަތު މާޙައުލުގައި ވެސް އެ ޓްރޭނިން ޕްރޮގްރާމުން ލިބުނު ޢިލްމުގެ އަލީގައި، މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު ބޭނުމަކީ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާ ބެހޭގޮތުން ޕްރިޒަން އޮފިސަރުން ހޭލުންތެރި ކުރުވުން ކަމަށެވެ.

މިގޮތުން އެފަދަ ޤައިދީން ރިހެބިލިޓޭޓް ކުރުމަށްޓަކައި މާފުށީ ޖަލުގައި ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް (އެސްއެމްޔޫ) ޤާއިމްކޮށްފައިވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުންޏެވެ.

މި ޓްރޭނިން ޕްރޮގްރާމްގައި މާފުށީ ޖަލުގެ 28 އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް