ދ. ރިނބިދޫގައި އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ފަޔާ ސޭފްޓީ އަދި ބޭސިކް ފަސްޓް އެއިޑްގެ މައުލުމާތު ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
"ސަން" އާ ވާހަކަދައްކަވަމުން އެ ރަށު ކައުންސިލުގެ ރައީސް އަޙުމަދު އިޤްބާލް ޢަބްދުލް ޤައްްޔޫމް ވިދާޅުވީ "ހުށިޔާރު"ގެ ނަމުގައި މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ އެ ޕްރޮގްރާމް ގެ މަގުސަދަކީ ބަދިގެ ތެރޭގައި ހިނގާފާނެ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރި ކުރުވުންކަމަށެވެ.
"ފުރަތަމަ ކަމަކީ ބަދިގޭގަ އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމަށް ހޭލުންތެރި ކުރުވުން. ދެވަނަ ކަމަކީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ދެން އަމަލުކުރަންވީ ގޮތް ބުނެދީ ދަސްކޮށްދިނުން," އޭނާ ވިދާޅުވިއެވެ.
ތިއަރީ އަދި ޕްރެކްޓިކަލް ކްލާސްތަކެއް ހިމެނޭހެން ކުރިއަށްގެންދިޔަ އެ ޕްރޮގްރާމްގައި ކްލާސްތައް ނަގައިދިނީ އެމްއެންޑީއެފް އިންނެވެ.

ރިނބުދޫގައި ފަސްޓް އެއިޑްގެ ކްލާހެއް ނަގައިދެނީ
ހުރިހާ އުމުރުފުރާއަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ގިނަ އަދަދެއްގެ މީހުނާއި ސްކޫލުކުދިން ބައިވެރިވިކަމަށް އިޤްބާލް ވިދާޅުވިއެވެ. އަދި އެ ޕްރޮގްރާމްގައި ބައިވެރިވި ބައިވެރިންގެ ތެރެއިން ގިނައީ އަންހެން ބައިވެރިންކަން އޭނާ ފާހަގަކުރިއެވެ.
އޭގެއިތުރުން އެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ އެމްއެންޑީއެފް އާއި ކައިރީގައި އޮންނަ ދެ ރިސޯޓުގެ އެހީތެރިކަން ލިބުމުންކަމަށް އިޤްބާލު ވިދާޅުވިއެވެ.
"ޕްރޮގްރާމް ހިންގަން ބޭނުންވާ ގިނަ ސާމާނު އާވީ ނޭޗާސް ޕެރެޑައިސް ރިޒޯޓުންނާ ބަލިއޯނީ ރިސޯޓުން ފޯރުކޮށްދިން،" އޭނާ ވިދާޅުވިއެވެ.