ޑިމާންޑުތަކާއެކު ޓެކްސީ ޑްރައިވަރުން ޓްރާންސްޕޯޓް މިނިސްޓްރީއަށް

މިނިސްޓަރާ ބައްދަލުކުުރުމަށް ފަހު، ޓެކްސީ ޑްރައިވަރުން މީޑިއާއަށް މައުލޫމާތު ދެނީ --- ސަންފޮޓޯ/ ނާއިލް ހުސައިން

ޓެކްސީގެ އަގުތަކާ ބެހޭ ގޮތުން، މާލޭ ސަރަހައްދުގައި ޚިދުމަތްދޭ ޓެކްސީ ސެންޓަރުތަކުގެ ޑިމާންޑުތައް މިއަދު ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

މިއަދު ހެނދުނު 10:00 ހާއިރު، ޓެކްސީ ސެންޓަރުތަކުގެ ފަރާތުން ޓީމެއް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ގޮސް އެ ޑިމާންޑުތައް ހިމެނޭ ސިޓީއެއް އެ މިނިސްޓްރީއަށް ހުށަހަޅައިފައެވެ.

އެކަމުގައި އިސްކޮށް ހަރަކާތްތެރިވި މީހެއް ކަމުގައިވާ އަޙުމަދު ޝަމާލް "ސަން" އަށް ބުނީ ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާއާއި ބައްދަލުވެ، ކަންބޮޑުވުންތައް ހިއްސާކުރެވިފައިވާ ކަމަށެވެ.

"މިނިސްޓަރު ވިދާޅުވީ ވަރަށް އަވަހަށް އަޅުގަނޑުމެންގެ ސިޓީއަށް އެޓެންޑްވެ، ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް މަޝްވަރާ ބައްދަލުވުމެއް ބޭއްވޭނެކަމަށް،" ޝަމާލް ބުންޏެވެ.

މީގެ އިތުރުން މި ކަމަކީ ހަމައެކަނި މިނިސްޓްރީގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށާއި، ރައީސް އޮފީހުގެ ބަހެއް ވެސް މިފަދަ ބަދަލެއް ގެނައުމުގައި ބޭނުންވާނެ ކަމަށް މިނިސްޓަރު ވިދާޅުވިކަމަށް އޭނާ ބުންޏެެވެ.

ޓެކްސީ ސެންޓަރުތަކުން މިނިސްޓްރީއަށް ހުށަހެޅި ސިޓީގައި ވަނީ ވީހާ ވެސް އަވަހަކަށް ކާރުތަކުގައި މީޓަރު ހަރުކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފައެވެ. އަދި އެކަން ކުރެވެންދެން، މިހާރުގެ ހާލަތަށް ބަލައި، ދަތުރުތަކުގެ އަގު ބޮޑުކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

ޓެކްސީ ޑްރައިވަރުން ޓްރާންސްޕޯޓް މިނިސްޓްރީގައި ---

މީގެ އިތުރުން، އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ވަކި ގޮތެއް ނުނިމި އޮތްނަމަ، އެ ދުވަހުން ފެށިގެން ހުރިހާ ޓެކްސީތަކެއް ވެސް ބޮޑުކުރި އަގުގައި ޚިދުމަތް ދޭން ފަށާނެކަމަށް ވެސް އެ ސިޓީގައިވެއެވެ.

ޓެކްސީ ސެންޓަރުތަކުން ޓްރާސްޕޯޓް މިނިސްޓްރީއަށް ހުށަހެޅި އަގުތައް:

  • މާލޭ ސިޓީގެ އެތެރޭގެ ދަތުރުތަކަށް - 30 ރުފިޔާ
  • ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތަކަށް - 25 ރުފިޔާ
  • ހުޅުމާލެ ފޭސް ދޭއްގެ އެތެރޭގެ ދަތުރުތަކަށް - 25 ރުފިޔާ
  • މާލެއިން ހުޅުމާލެއަށް | ހުޅުމާލެއިން މާލެއަށް - 100 ރުފިޔާ
  • މާލެއިން އެއާޕޯޓަށް | އެއާޕޯޓުން މާލެއަށް - 80 ރުފިޔާ
  • ހުޅުމާލެއިން އެއާޕޯޓަށް | އެއާޕޯޓުން ހުޅުމާލެއަށް - 80 ރުފިޔާ
  • ހުޅުމާލެ ދެވަނަ ފިޔަވަހިން މާލެއަށް | މާލެ އިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް - 120 ރުފިޔާ
  • ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް - 40 ރުފިޔާ
  • މާލެއިން ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
  • ހުޅުމާލެއިން ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
  • ހުޅުމާލެ ދެވަނަ ފިޔަވަހިން ސީޕްލޭން ޓާމިނަލަށް - 120 ރުފިޔާ

ޝަމާލް ބުނީ އުންމީދަކީ މަދު ދުވަސްކޮޅެއް ތެރޭ މިކަމާ މެދު ގޮތެއް ނިންމުން ކަމަށާއި، މިނިސްޓްރީގެ ގަވާއިދުތަކާ ޚިލާފަށް އެއްވެސް ކަމެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

މިހާރު މިނިސްޓްރީއަށް ހުށަހެޅި އަގުތަކަކީ ހަމައެކަނި ހުށަހެޅުމެއް ކަމަށާއި، މިވަގުތު ހާލަތު ހުރި ގޮތަށް ބަލައި، އެ އަގުތަކަށް މިނިސްޓްރީއަށް ފެންނަ ބަދަލުތަކެއް ގެނައުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން މަދަނީ ބަސްނޭހުމަކަށް ގޮސްގެން އަޅުގަނޑުމެންގެ ކޮމިއުނިޓީގައި ދޭ ޚިދުމަތެއް ފަސް މިނެޓަށް ވެސް ހުއްޓުމަކީ،" ޝަމާލް ބުންޏެވެ.

މިނިސްޓަރާ ބައްދަލުކުުރުމަށް ފަހު، ޓެކްސީ ޑްރައިވަރުން މީޑިއާއަށް މައުލޫމާތު ދެނީ --- ސަންފޮޓޯ/ ނާއިލް ހުސައިން

މިއަދު މިނިސްޓްރީއަށް ދިޔަ ޑްރައިވަރުންގެ ތެރޭގައި ހިމެނޭ މުޙައްމަދު ޒާހިރު ބުނީ ތެލާއި، އެހެނިހެން ތަކެތީގެ އަގު ބޮޑުވަމުންދާ މި ދަނޑިވަޅުގައި ކޮންޓްރޯލް އަގުތަކަށް ދުއްވުމަކީ ގެއްލުން ލިބޭ ކަމެއް ކަމަށެވެ.

"މިއީ ޕްރައިވެޓް ސެކްޓާއެއްކަން ސަރުކާރުން ވެސް ގަބޫލުކުރަން ޖެހޭ، ސަރުކާރުން ރަނގަޅު ގޮތެއް ނުހަދައި ދީފިއްޔާ ދެން އޮންނާނެ ގޮތަކީ ޑްރައިވަރާއި، ޓެކްސީއަށް އަރާ މީހާއާ ދެމެދު އެއްބަސްވެވޭ އަގަކަށް ދަތުރުކުރުން،" ޒާހިރު ބުންޏެވެ.

ޓެކްސީ ޚިދުމަތް ދޭ އަގުތައް ބޮޑު ކުރާނެ ކަމަށް ސެންޓަރުތަކުން ބުނުމާ ގުޅިގެން، ފުލުހުން ވަނީ ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑު އަގެއްގައި ދަތުރުކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީގެ ބަހެއް ހޯދުމަށް "ސަން" އިން ތަކުރާރުކޮށް ގުޅުމުން ވެސް އެއްވެސް އޮފިޝަލަކު ފޯނު ނުނަންގަވާތީ، މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

comment ކޮމެންޓް