މާލޭގެ ދެކުނު ފަރާތުގެ ކުރީގެ އެއް ނަންބަރު ކުނިކޮށި ހިމެނޭ ސަރަޙައްދުގެ ފަޅުމަތީ މަގުމަތައް ހުސް ކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މިފަދައިން އަންގަން ޖެހުނީ އެކި މީހުން އެ ސަރަހައްދުގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމާއި ގިނަ އަދަދަކަށް ކުނި އަޅަމުން ގެންދާތީ ޢާންމު ރައްޔިތުންގެ ފަރާތުންނާއި ދަޢުލަތުގެ ކަމާބެހޭ މުޢައްސަސާތަކުން އެމައްސަލަތައް ކައުންސިލަށް ހުށަހަޅާފައިވާތީ ކަމަށެވެ.
ސިޓީ ކައުންސިލުން ވަނީ މީގެ ކުރިންވެސް މިކަން މިގޮތަށް ނުކުރުމަށް ތަކުރާރުކޮށް އެތައް ފަހަރަކު އަންގާފައެވެ.
އެހެންކަމުން ނީލަން މުދާ ވިއްކާ ގޮޅިތަކުން ބޭރުގައި އަތުރާފައިވާ މުދާތަކާއި ކުނިތައް، އެތަކެތި ބެހެއްޓި މީހުން މިމަހުގެ ދިހަވަނަ ދުވަހުގެ 18:00ގެ ކުރިން އެތަކެތި ނެގުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.
އެ މުއްދަތުގެ ނިޔަލަށް އެމަގުގައި ނުނަގައި ބަހައްޓާފައި ހުންނަ ތަކެތި ކައުންސިލުން ނަގައި ނައްތާލާނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ. އަދި އެތަކެތި ނެގުމަށްފަހު ލިބޭ ގެއްލުމަށް މާލެ ސިޓީ ކައުންސިލުން ޒިންމާ ނުވާނެކަން ވެސް ވަނީ އަންގާފައެވެ.