ޔޫކްރެއިނާއި ރަަޝިޔާއާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ބެލަރޫސް ފިޔަވައި އެހެން ހުރިހާ ގައުމުތަކަށް ރަޝިޔާގެ ގައުމީ އެއާލައިން އެއަރޯފްލޮޓްގެ ދަތުރުތައް ހުއްޓާލަން ނިންމައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަންނަ އަންގާރަ ދުވަހުން ފެށިގެން އަވަށްޓެރި އެއް ގައުމު ފިޔަވައި އެހެން ގައުމުތަކަށް އެއަރޯޕްލޮޓްގެ ދަތުރުތައް ހުއްޓާލާނެއެވެ.
އެއަރޯފްލޮޓްއިން ބުނީ ބެލެރޫސްއަށް ކުރާ ދަތުރުތަކާއި ޑޮމެސްޓިކް ހުރިހާ ދަތުރުތައް ވެސް ޝެޑިއުލާއެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.
އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާގެ ވައިގެ ސަރަހައްދުތަކަށް ރަޝިޔާގެ ފްލައިޓްތައް ވަނުން ވަނީ މަނާކޮށްފައެވެ.
ޓްރެވަލް ޓެކްނޮލޮޖީ ކުންފުންޏަކުން ވަނީ ފްލައިޓްތައް ބުކް ކުރުމަށް ބޭނުންކުރާ ސިސްޓަމްތަކުން ވެސް އެ އާލައިން ވަކިކޮށްފައެވެ.
އެއަރޯފްލޮޓް އަކީ ރަޝިޔާގެ ޓޫރިސްޓުން ރާއްޖެއަށް އެންމެ ގިނައިން އުފުލާ އެއް އެއާލައިނެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޓުއަރިޒަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.