ޓީސީ ބަލިކޮށް ވެލެންސިއާ ދެވަނައަށް، ސަސް އިން ގްރީން ބަލިކޮށްފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީ އަދި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ޓީސީ ސްޕޯޓްސް ކުލަބް ބަލިކޮށް ކުލަބް ވެލެންސިއާ އިން ތާވަލްގެ ދެވަނައަށް ޖެހިލައިފިއެވެ.

ޓީސީގެ މައްޗަށް ވެލެންސިއާ އިން ކުރި ހޯދާފައިވަނީ 1-0 ގެ ނެތީޖާއަކުންނެވެ.

ވެލެންސިއާ މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ 14 ވަނަ މިނެޓުގައި ޕެނަލްޓީއަކުންނެވެ. އެއީ ޓީސީގެ އޭރިޔާ ތެރެއިން ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާން) ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެެވެ. ވެލެންސިއާއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިންއެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ޓީސީގެ އަޙްމަދު ސާމިޢު ޖެހި ބޯޅަ ވެލެންސިއާގެ ގޯލް ކީޕަރު މުޙައްމަދު ފައިޞަލް ވަނީ މަތަކޮށްފައެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ވެލެންސިއާއިން އިތުރު ލަނޑެއްޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑު ލަނޑެއް ކަމަށް ނިންމާފައެވެ.

ދެވަނަ ހާފު ފަށައިގެން ޓީސީގެ މުޙައްމަދު މުސްލިޙު ފޮނުވާލި ހަމަލާވެސް ކީޕަރު ފައިޞަލް ވަނީ މަތަކޮށްފައެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ޔާން ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑި މަތިންނެވެ.

މި ނަތީޖާއާއެކު މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ވެލެންސިއާ ތާވަލްގެ ދެ ވަނައިގައި އޮތީ ޖުމުލަ ނުވަ ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް މާޒިޔާ އަށް ލިބެނީ 12 ޕޮއިންޓެވެ.

ލީގުގައި ރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) އިން ވަނީ ކުލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފައެވެ.

ސަސް އިން ގްރީންގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސަސްގެ އަތީގު ހަސަންއެވެ.

އެއީ ސަސްގެ ޔަސްފާދު ހަބީބު ފޮނުވާލި ބޯޅައެއް ގޯލަށް އަމާޒުނުވެ ދަނިކޮށް އަތީގު ހަސަން ގޯލަށް ވައްދާލި ބޯޅައެކެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ގްރީންއަށް ރަނގަޅު ފުރުސަތެއް ލިބުނީ 84 ވަނަ މިނެޓުގައެވެ.ގްރީންގެ ޖޯޑީ ސަސްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ސަސްގެ ކީޕަރު މުޙައްމަދު ޝަފީޢު ވަނީ މަތަކޮށްފައެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ސަސް ވަނީ ލީގު ތާވަލްގެ ހަ ވަނަ އަށް ޖެހިލައިފައެވެ. ލީގު ތާވަލްގެ ފުލުގައި އޮތީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ.

ލީގުގެ ކުޅުން ދެން އޮންނާނީ އަންގާރަ ދުވަހުގެ ހަވީރުއެވެ. ހަވީރުގެ މެޗުގައި ކުލަބް ވެލެންސިއާ ނިކުންނާނީ ސަސް އާ ދެކޮޅަށެވެ. އެރޭގެ މެޗުގައި ގްރީން ސްޓްރީޓްސް ބައްދަލުކުރާނީ ޓީސީ އާއެވެ.

comment ކޮމެންޓް