ޝަހީދުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރައީސް، ދިވެހި ރައްޔިތުންނަށް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި މިއަދު ފާހަގަ ކުރަމުން އަންނަ ޝަހީދުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ, ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފޮނުއްވައިފިއެވެ.

ޝަހީދުންގެ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވައި މިއަދު ކުރެއްވި ޓުވީޓުގައި ރައީސް ވަނީ ޤައުމަށް ޓަކައި ޝަހީދުވެ، ގޮސްފައިވާ ޤައުމީ އަބްޠާލުންގެ އަގުހުރި ޚިދުމަތުގެ ޒިކުރާ އާލާކޮށް އެ އަބްޠާލުންނަަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ދުޢާކުރައްވާފައެވެ.

މިއަހަރު ފާހަގަކުރާ ޝަހީދުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރަނީ ޏ. ފުވައްމުލައް ސިޓީގައެވެ.

ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެ ވެސް ޝަޢުބާން މަހުގެ އެއްވަނަ ދުވަހަކީ ރާއްޖޭގައި ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެެވެ.

މި ދުވަސް ޚާއްސަކޮށްފައިވަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ މިނިވަންކުރުމަށް ކުރެއްވި މަތިވެރި ޖިހާދުގައި ޝަހީދުވެވެޑައިގެންނެވި އަލި ރަސްގެފާނަށެވެ.

ރާއްޖޭގައި ޝަހީދުންގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން އެންމެ ފުރަތަމަ ފެއްޓީ ހިޖުރައިން 1400 ވަނަ އަހަރުގެ ޝަޢުބާން މަހުގެ އެއް ވަނަ ދުވަހުގައެވެ. ޝަހީދުންގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަ ކުރަމުން އަންނަތާ މިއީ 43 ވަނަ އަހަރެވެ.

comment ކޮމެންޓް